ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 08:20
އޮމްބަޑްސްޕާސަން އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އޮމްބަޑްސްޕާސަން އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އޮމްބަޑްސްޕާސަން އޮފީސް
އިންތިގާލީ އިންސާފުގެ މައްސަލަތައް
އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 13ށް
 
އޮފީހުގެ މަސައްކަތްތައް ނިންމުމަށް ލާޒިމް ކުރަނީ ދެ އަހަރު
 
އެ އޮފީހަށް މައްސަލަ ހުށަހެޅުނު މިންވަރު އިތުރުވެގެން ހިނގައްޖެ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކުރިން މައްސަލަތައް ހުށަހެޅުމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އައުމުން, މައްސަލަ ހުށަހެޅޭ މުއްދަތު މިވަނީ އިތުރުކޮށްފައެވެ.

އެ އޮފީހުން އޮގަސްޓް 6 ވަނަ ދުވަހު ބުނެފައިވަނީ މިހާތަނަށް 124 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޑީޖީ އަޙްމަދު ޔާމީން ވިދާޅުވީ, ފާއިތުވެދިޔަ ދެ ދުވަހު ވެސް އެ އޮފީހަށް މައްސަލަ ހުށަހެޅުނު މިންވަރު އިތުރުވެގެން ހިނގައްޖެ ކަމަށެވެ. އަދި މިކަމުން ވެސް އަންގައިދެނީ އެ އޮފީހަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ކަމަށެވެ.

އޮމްބަޑްސްޕާސަން އޮފީހަކީ ވަގުތީ އޮފީހަކަށްވުމުން ޤާބިލް މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އޮފީހުގެ މަސައްކަތްތައް ނިންމުމަށް ލާޒިމް ކުރަނީ ދެ އަހަރުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި މައްސަލަތައް ނުނިމިއްޖެނަމަ އެ އޮފީސް ހިންގަމުންދާ މުއްދަތު ދިގުކުރުމުގެ ބާރު ރައީސްއަށް ލިބިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ އޮފީހުން ބުނީ މައްސަލަ ހުށަހެޅުމުގެ 70 ފޯމާއި ބަދަލު ހޯދުމަށް އެދި 54 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަދަނީ 107 މައްސަލައާއި ޖިނާއީ 17 މައްސަލަ ހިމެނޭ ކަމަށެވެ.

މައްސަލަ ހުށަހަޅާ މީހުންނަށް މައްސަލަ ލިބުނު ކަމުގެ ލިޔުން ހަވާލުކުރަމުންދާކަން ފާހަގަކުރައްވައި, އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކްޓިވް ޢާއިޝަތު ފަތުޙީ ވިދާޅުވީ, 87 މީހަކަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށާއި މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ 39 ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ މައްސަލަތައް ބަލާއިރު އެއީ އޮފީހުގެ މެންޑޭޑްގެ ތެރޭގައި ހިމެނޭ މައްސަލައެއްތޯ ބަލާ ކަމަށާއި މައްސަލާގައި ހެކި ލިބިފައި ހުރި މިންވަރަށް ވެސް ބަލާ ކަމަށެވެ.

އެ އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު އަދިވެސް ވަރަށް ގިނަ މީހުންނަށް ނޭނގޭ ކަމަށާއި އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީ، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް