ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 13:53
ސްކޫލްތައް ހުޅުވުން
ސްކޫލްތައް ހުޅުވުން
ރާއްޖެއެމްވީ
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން
ސްކޫލަށް އެނބުރި ދިއުމަށް ދަރިވަރުން ތިބީ ހަމަ އަސްލު ވެސް ކެތްމަދުވެފައި!
 
ދަރިވަރުން ތިބީ ޓީޗަރުންނާއި، ކްލާހުގެ އެހެން ކުދިންނާ ބައްދަލުކޮށްލަން ކެތްމަދުވެފައި
 
މި ހާލަތުގައި ކިޔެވުން ކުރިއަށްގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު
 
ދަރިވަރުން ސްކޫލަށް ހާޒިރުވެފައި މި ވަނީ ގިނަ ދުވަސްތަކަކަށް ފަހު

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށް، ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށްފަހު، އަންގާރަ ދުވަހު ވަނީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދޭން ފަށާފައެވެ. ކުދިން ސްކޫލަށް ދާން ކެތްމަދުވެފައިވާ މިންވަރު ހާމަވެގެންދިޔައީ ސްކޫލަށް ގަޑިޖެހުމުގެ މާ ކުރިން ގޮސް ސްކޫލްތައް ކައިރީ ކިއު ހަދާފައި ތިބި ކަމެވެ. މިއީ މިފަދަ ހާލަތެއްގައި ކުރަން އެންމެ ރައްކާތެރި ކަމަކަށް ނުވި ނަމަވެސް މިކަމުން ކުދިން ސްކޫލަށް ދާން ކެތްމަދުވެފައިވާ މިންވަރު ހާމަވެގެންދެއެވެ.

ކުދިން ސްކޫލަށް ވަދެގެންދިޔައިރު، އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި އަތް ސާފުކުރުމާއި، ހުން ބެލުން ފަދަ ކަންކަން ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ ސްކޫލް ފެށުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ހިމެނޭ ކަންތައްތަކެވެ. ދަރިވަރުންގެ ފަރާތުން މި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދީފައިވާއިރު، އެކުދިންނަށް ބަލިން ރައްކާތެރިވެތިބުމަށް ކުރެވެންހުރި ކަންކަން ކުރިއަށްގެންދިޔަކަން ފާހަގަކުރެވުނެވެ. އެގޮތުން ސްކޫލްތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، އަބަދުވެސް މާސްކު އަޅައިގެން އުޅުމާއި، އަތް ސާފުކުރުން ހިމެނެއެވެ. ދަރިވަރުން ބުނާ ގޮތުގައި އެކުދިންގެ ކިޔެވުން ސްކޫލްގައި ކުރިއަށް ގެންދެވޭނީ މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މަތީ ދެމިތިބެގެންނެވެ.

މިފަދަ ހާލަތެއްގައި ވިޔަސް އެކުދިންނަށް ސްކޫލަށް ގޮސްގެން ކިޔެވުން ފެށޭ ކަމީ އުފާކުރާ ކަމެއް ކަމަށް ދަރިވަރުން ބުނެފައިވެއެވެ. އެކުދިން ބުނާ ގޮތުގައި ކޮވިޑް-19ގެ ހާލަތުގައި މީގެ ކުރިން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔައިރު، ކިޔެވުމުގައި ބޮޑެތި އުނދަގޫތަކަކާ ދިމާވެފައިވެއެވެ. އެހެން ކުދިންނާއި، ޓީޗަރުންނާ ބައްދަލުނުވާތީ ކިޔަވައިދޭ އެއްޗެއް ދެނެގަންނަން އުނދަގޫ ވާކަަމަށާއި، މި ހާލަތާއެކު ސްކޫލްގެ ކިޔެވުން ފަށާތީ އުފާކުރާ ކަމަށް ސްކޫލްތަކުން ދިމާވި ގިނަ ދަރިވަރުން ބުނެފައިވެއެވެ.

ދަރިވަރުންނެކޭ އެއްފަދައިން ޓީޗަރުން ވެސް ތިބީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުން ފެށުމަށް ވަރަށް ބޮޑަށް ބޭނުންވެފައިކަން ޓީޗަރުންނާ ވާހަކަދައްކާލުމުން އެނގިގެންދިޔައެވެ. ކުދިން އަނބުރާ ސްކޫލަށް ގެންދިއުމަށް ސްކޫލްތަކުން ބޮޑެތި ތައްޔާރީތަކެއް ވެފައިވާކަމަށާއި، މިއީ ވަރަށް ބޮޑަށް އިންތިޒާރުކުރި ދުވަހެއް ކަމަށް އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރަކު ވިދާޅުވިއެވެ. އެޗްޕީއޭއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްތައް ތައްޔާރުކޮށްފައިވާކަމަށް ލީޑިން ޓިޗަރު ވިދާޅުވިއެވެ. ދަރިވަރުންނާއި، ޓިޗަރުން ސްކޫލްތެރޭގައި އުޅޭއިރު މި ގައިޑްލައިންތަކަށް އަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުން ވާހަކަދެއްކެވި ޓީޗަރަކު ވިދާޅުވީ މި އަހަރު ނިމެންދެން ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދިއުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. މިހާރު ކްލާސްރޫމްތަކުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ހުންނާނީ ގިނަ ދަރިވަރުންތަކަކަށް ރައްކާތެރިކަމާއެކު ސްކޫލްގައި ކިޔެވޭނެ ފަދަ ގޮތަކަށް ކަމަށާއި، އެހެންކަމުން ކުދިންގެ ސިލަބަސް ނިންމުމަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އަންގާރަ ދުވަހު ފަށާފައިވާއިރު، ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެސެމްބްލީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ހާލަތުގައި ސްކޫލަށް ކުދިން ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދެވޭނީ ކޮވިޑްގެ ހާލަތު ކޮންޓްރޯލްކުރެވިގެން ކަމަށާއި، މި ހާލަތު އިތުރަށް ގޯސްވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭކަމަށެވެ. މި ހާލަތު އިތުރަށް ގޯސް ވިޔަ ނުދޭން އަބަދުވެސް ސަމާލުކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް