ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 14:25
ދިރާސީ އައު އަހަރު ފެށުން ފާހަގަ ކުރުމަށް ކަލާފާނު ސުކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ނައިބްރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ
ދިރާސީ އައު އަހަރު ފެށުން ފާހަގަ ކުރުމަށް ކަލާފާނު ސުކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ނައިބްރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ
އެޑިއުކޭޝަން މިނިސްޓްރީ
ދިރާސީ އައު އަހަރު 2021
ދަރިވަރުންނަށް ގެއްލިގެން ދިޔަތަން އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނައިބްރައީސް ގޮވާލައްވައިފި
 
ސަރުކާރުގެ އަމާޒަކީ ވީހާވެސް ހަމަހަމަކަމާއެކު ތައުލީމު ފޯރުކޮށްދިނުން
 
ދިރާސީ އައު އަހަރަކާ ކުރިމަތިލާން ޖެހިފައި މިވަނީ ދިވެހިން ދެކެފައިނުވާފަދަ ދަތި ޙާލަތެއް
 
ދިރާސީ އައު އަހަރުގެ ތަހުނިޔާ ދަންނަވާފައިވޭ

ކޮވިޑް-19 ގެ ސަބަބުން ދަރިވަރުންނަށް ގެއްލިގެން ދިޔަތަން އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނައިބްރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ކަލާފާނު ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނައިބްރައީސް ފައިސަލް ނަސީމް ވަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ ދަންނަވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މިއީ އުންމީދުން ފުރިގެންވާ އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި، މިއީ އަމާން ދަތުރެއްގެ ފެށުމުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ނައިބްރައީސް ވިދާޅުވީ، ދިރާސީ އައު އަހަރަކާ ކުރިމަތިލާން ޖެހިފައި މިވަނީ ދިވެހިން ދެކެފައިނުވާފަދަ ދަތި ޙާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދަރިވަރުންގެ ތައުލީމީ ޙަޔާތަށް ކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

ނައިބު ރައީސް ވަނީ ގޮންޖެހުންތަކާއެކު ވެސް ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން މުދައްރިސުންނާއި، ސުކޫލުތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ތައުރީފުކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދަރިވަރުންނަށް ގެއްލިގެން ދިޔަތަން އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނައިބުރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ކޮންމެ ދަރިވަރަކީ ވެސް ސުކޫލު ނިމިގެން ނުކުންނައިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ޤައުމެއް ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބަޔަކީ މުދައްރިސުން ކަމަށެވެ. އަދި ތައުލީމީ ދާއިރާއަކީ މި ސަރުކާރުން އެންމެ އިސްކަމެއްދީ އެންމެ ބޮޑު ހޭދައެއް ކުރާ ދާއިރާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީހާވެސް ހަމަހަމަކަމާއެކު ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ދާއިރާ ފުޅާކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

އޭގެ އިތުރުން، ކޮވިޑް-19 އިން ދިފާއުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ކަށަވަރުކުރުމަށް ނައިބު ރައީސް ވަނީ ޓީޗަރުންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް