އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ސްކޫލް ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އައު އާންމު ހާލަތާއެކު ކުރިއަށް ދެވޭނީ ހުރިހާ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ކަމަށާއި ޓީޗަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ހުރިހާ ބެލެންވެރިންނާއި މައިންބަފައިން ވެސް ކުދިންނަށް ވެކްސިން ޖެހުމަށް ބާރު އެޅުމަށް އެދިވަޑައިގެންފައެވެ.
ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް އަމަލުކުރެއްވުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ސްކޫލް ކުދިންނަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ގޮތުން ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ. 12 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާކަމަށާއި، މިފަދަ ކަމެއް ކުރާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭނީ ބެލެނިވެރިން މިކަމަށް ހޭލުންތެރިކުރުވުން ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު އައްޒަ ވިދާޅުވީ ބެލެނިވެރިން މިކަމަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށް އެޗްޕީއޭއާ ގުޅިގެން ބެލެނިވެރިންނަށް މިކަމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.
އެޗްޕީއޭގެ ފަރާތުން އޮރިއެންޓޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންދަނީ ހަމައެކަނި މާލޭ ސަރަހައްދުގައި ކަމަށާއި، އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްގެންދާނީ ހެލްތް ފެސިލިޓީތަކުން ކަމަށް އައްޒަ ވިދާޅުވިއެވެ.
އައްޒަ ވިދާޅުވީ މިފަދަ ބޮޑު މަސައްކަތެއް ފަށާއިރު، ބެލެނިވެރިން މިކަމަށް އަހުލުވެރިވެފައި ތިބުން މުހިންމު ކަމަށެވެ. ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ޔަގީންކުރަންޖެހޭ ކަމަށާއި، ދަރިވަރުންގެ ހުއްދަ ވެސް މިކަމަށް ހޯދަންޖެހޭ ކަމަށް އައްޒަ ވިދާޅުވިއެވެ.
އައްޒަ އިތުރަށް ވިދާޅުވީ ޓީޗަރުންނަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އަތޮޅުތެރެއާއި މާލޭގެ 96 އިންސައްތައަށްވުރެ ގިނަ މުދައްރިސުން މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ޓީޗަރުން ދެވަނަ ޑޯޒް ވެސް ޖަހަމުންދާކަމަށް އައްޒަ ވިދާޅުވިއެވެ.
އަދި އެއްވެސް ސަބަބަކާހުރެ ވެކްސިން ނުޖެހޭނަމަ އެކަން އެޗްޕީއޭގެ ލިޔުމަކުން މިނިސްޓްރީއަށް އެންގުމުން އެކަން ގަބޫލުކުރާނެ ކަމަށް އައްޒަ ވަނީ ވިދާޅުވެފައެވެ.
ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުންހުރި ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑުން ރައްކާތެރިވެ ތިބި ބައެއްކަން ކަށަވަރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންނަށް އަމާޒުކޮށް ވެކްސިނޭޝަން ޕްރޮގްރާމެއް ފަށާފައެވެ.
މިހާރު ރާއްޖޭގައި އެސްޓްރަޒެނެކާ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާއިރު، ވަރަށް އަވަހަށް ފައިޒަރ ވެކްސިން ޖަހަން ފަށާނެ ކަމަށާއި, އެ ވެކްސިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޖަހާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ވެސް ވަނީ ވިދާޅުވެފައެވެ.