ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 10:49
ދިރާސީ އައު އަހަރަށް ސުކޫލުތައް ހުޅުވާލުން
ދިރާސީ އައު އަހަރަށް ސުކޫލުތައް ހުޅުވާލުން
ރާއްޖެއެމްވީ
ސުކޫލުތަކުގައި ވެކްސިން ޖެހުން
ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާ އިން ވަކިކުރާނެކަމަކަށް ނާންގަން: މިނިސްޓްރީ
ހުރިހާ ފަރާތްތަކުން ވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައިވޭ
އަހުމަދު އަލީ ވިދާޅުވީ، އެއީ ސައްޙަ ވާހަކައެއް ނޫން ކަމަށް
ވަޒީފާ އިން ވަކިކުރާނެ ކަމަށް ޕީއެސް އަންގަވާފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައި

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާ އިން ވަކިކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަންގާފައިވާކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މިއެންގުން ސްކޫލްތަކަށް އެންގީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ ކަމަށާއި، ވެކްސިން ފުރިހަމަ ނުކުރާ ޓީޗަރުންނާއި އިދާރާ މުވައްޒަފުން ވެސް ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވީ ކަމަށް ނިންމައި ވަޒީފާ އިން ވަކިކުރާނެ ކަމަށް ޕީއެސް އަންގަވާފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން އަހުމަދު އަލީ ވިދާޅުވީ، އެއީ ސައްޙަ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ވަޒީފާއިން ވަކި ކުރާނެކަމަށް ދަންނަވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި ހިންގާ ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންނަށް ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްގެން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން 1 ސެޕްޓެމްބަރު 2021 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި އިއުލާނުގައި ބަޔާންކޮށްފައިވާ "ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ" ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށެވެ. އަދި ދަރިވަރުން މި ކެޓަގަރީން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން ވަނީ ކޮވިޑް-19ން ރައްކާތެރިވުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ވެކްސިނޭޝަން ކެމްޕެއިންގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތައް ބައިވެރިވެ، އެޑިއުކޭޝަން ސެކްޓާގެ ވެކްސިނޭޝަން ކެމްޕެއިނެއް ވެސް ފަށާފައެވެ.

- ކޮމެންޓް