ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 02:25
އޮފިސަރުންގެ ގާބިލުކަން ވަޒަންކުރުމުގެ ރިޕޯޓު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށަހަޅާފައި
އޮފިސަރުންގެ ގާބިލުކަން ވަޒަންކުރުމުގެ ރިޕޯޓު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށަހަޅާފައި
ޕޮލިސް
ފުލުހުންގެ އައު ގާނޫނު
ފުލުހުންގެ އިސް ސަފުގައި ތިބީ ގާބިލު ބައެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ނިމިއްޖެ
 
ބޯޑު އައްޔަންކުރާ ދުވަހުން ފެށިގެން 04 މަހުގެ ތެރޭގައި އޮފިސަރުންގެ ގާބިލުކަން ވަޒަންކޮށް ނިންމަންޖެހޭ
 
ބައެއް އޮފިސަރުން މަގާމުން ވަކިކުރަންވެސް ވަނީ ނިންމާފައި

ފުލުހުންގެ އައު ގާނޫނަށް އަމަލުކުރުމުގެ ކުރިން ފުލުހުންގެ އިސް ސަފުގައި ތިބީ ގާބިލު ބައެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ނިންމައި، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށް ފޮނުވައިފިއެވެ.

މިއީ ފުލުހުންގެ އައު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސް ސަފުގައި ތިބީ ގާބިލު ބައެއްތޯ ކަށަވަރުކުރުމަށް ފުލުހުންގެ ބޯޑާ މަތިކޮށްފައިވާ ޒިންމާއެކެވެ. ފުލުހުންގެ ބޯޑު އައްޔަންކުރާ ތާރީޚުން ފެށިފެން 04 މަސްދުވަހުގެ ތެރޭގައި މިކަންކޮށް ނިންމަން ޖެހެއެވެ.

މި މުއްދަތު ހޯމަ ދުވަހަށް ހަމަވިއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ އެ އޮފިސަރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ފުލުހުންގެ ބޯޑުން ގޮތެއް ކަނޑައަޅަން ޖެހެއެވެ.

އެގޮތުން ބޯޑުން މިހާރު ވަނީ މިކަންކަން ބެލުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރިޕޯޓު ހުށަހަޅާފައެވެ.

ބޯޑުން ވަނީ ބައެއް އޮފިސަރުން މަގާމުން ވަކިކުރަންވެސް ނިންމާފައެވެ. އެހެންނަމަވެސް އެކަމާމެދު ގޮތެއް ނިންމާނީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

ފުލުހުންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ގާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށްޓަކައި، ފުލުހުންގެ ބޯޑު އެކުލަވާލީ، 09 އެޕްރީލް 2021ގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައިކަންތައްތައް ކުރާނީވެސް ފުލުހުންގެ ބޯޑުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
60%
0%
20%
0%
0%
ކޮމެންޓް