ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 09:31
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު
ރާއްޖެއެމްވީ
ރިޟްވާނުގެ މަރުގެ މައްސަލަ
ކުރީގެ ސަރުކާރުން ދެއްކި ދަޅަތަކާއެކު ރިޟްވާންގެ މައްސަލަ އިތުރު އޮޅުން ބޮޅުންގަނޑެއްގެ ތެރެއަށް!
 
ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރުމުން ވަނީ ހަނުހުންނަވާފައި
 
ރިޟްވާނަށް ވީގޮތް މަރު ކޮމިޝަނުން ވަނީ ހޯދާފައި
 
ރައީސް ޞާލިހްގެ ސަރުކާރުން މި މަސައްކަތް ފުރަތަމަ ދުވަހު ފެއްޓެވި
 
ޔާމީންގެ ވެރިމުގައި ރިޟްވާންގެ ތަހުޤީޤު ހިނގީ ފިނިހަކަ ދުވެލީގައި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައަށް 7 އަހަރު ވެފައިވާއިރު، ރިޟްވާން މަރާލި މައްސަލަ ބެލުމަށް ދެ ވެރިކަމަކަށް ތަހުޤީޤުގެ މަސައްކަތް މި ވަނީ ދިގުލައިގެން ގޮސްފައެވެ. މީގެ ތެރެއިން ފުރަތަމަ 4 އަހަރު ދުވަހަކީ "އިންސާފު"ގެ ސްލޯގަން ހިފައިގެން ބުރުޖަހަމުންދާ ޕިންކް ކްލަސްޓަރ ކުދިންގެ ވެރިޔާ ނުވަތަ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޭދަވި ދުވަސްތަކެކެވެ. މި ދުވަސްތަކަކީ މި މައްސަލަ ނުބެލުނުތާނގައި އިތުރު ގިނަ މަރުތަކަކާއި، ގޮތް ނޭނގޭ އެކި ހާދިސާތަކެއް ކުރިމަތިވެ އެކަމުގެ ތުހުމަތު އެ ސަރުކާރަށް އަމާޒުވެގެން ދިޔަ ދުވަސްވަރެކެވެ.

ކުރީގެ ރައީސް ޔާމީން ޕީޕީއެމް އޮފީހުގައި އިންނަވަނިކޮށް

ސަރުކާރުގެ އެކި ހިސާބުތަކުން އެ އޮޑި ފަޅިފަޅިވެ މާލިމީންތައް އެގޮތް މިގޮތަށް ވިއްސިވިހާލިކޮށްލި ހިސާބުން މި ދެންނެވި "ދައުލަތުގެ ބޮޑެތި ސިއްރުތަކެއް" ކަމަށް ބުނެ ވާހަކަތަކެއް ފެންމަތިވިއެވެ. އެގޮތުން އެންމެ ފުރަތަމަ އިވުނީ ރިޟްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ވިދާޅުވުމެވެ. މި ވާހަކަ ފެތުރެން ފެށުމާއެކު ކުރީގެ ރައީސް ޔާމީންގެ ބަސްމަގު އެއްކޮށް ބަދަލުކޮށްލައި، އަދީބަކީ "މުޖުރިމެއް" ކަމަށް ވިދާޅުވެ ކަމުން ރެކިވަޑައިގަތެވެ. އަދި ރިޟްވާން ދިރިހުރިކަމަށް ޤަބޫލުކުރައްވާކަމަށް ސިޔާސީ އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވި ވިދާޅުވުން ބަދަލުކުރައްވައި ރިޟްވާން ނިޔާވެފައިވާ ކަމަށާއި އެއީ އެއްވެސް ޝައްކެތް ނެތް ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. މިކަމެއް ހިނގައި ދިޔައީ ވެރިކަމުގެ ފަހުކޮޅުގައި ކަމަށް ވާއިރު، އޭރު ޔާމީން ވިދާޅުވީ ރިޟްވާނުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރުމުގެ އެއްވެސް މަސައްކަތެއް ކެބިނެޓުން ކޮށްފައި ނުވާކަމަށާއި އެއީ ފެށުނީންސުރެ ވެސް ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވާ މައްސަލައެއް ކަމަށެވެ.

ކޮންމެއަކަސް މިއީ ޔާމީންގެ ވެރިމުގައި ފިނިހަކަ ދުވެލީގައި މި ދެންނެވި ތަހުޤީޤު ކުރިއަށް ދިޔަ ގޮތުގެ ވާހަކައެވެ. ކޮންމެއަކަސް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ މިހުރިހާކަމަށް ބަދަލުގެންނަވާނެ ކަމަށް ވިދާޅުވެ، ރިޟްވާންގެ އާއިލާގެ ވެސް ބޮޑު އުންމީދުތަކަކާއެކުއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ވައުދު ފުއްދެވުމުގެ މަސައްކަތް ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ފައްޓަވާފައެވެ. އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި އެ ކޮމިޝަނަށް ރައީސަކާއި، ހަތަރު މެންބަރުން އައްޔަން ކުރެއްވިއެވެ. ބޮޑެތި ބާރުތައް ކޮމިޝަނަށް ލިބޭ ގޮތަށް މަޖިލީހުން ބިލެއް ފާސްކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު ކަނޑައެޅުއްވުމާ ހަމައަށް މަރު ކޮމިޝަންގެ ރައީސްކަން ވަނީ ކުރައްވާފައި

ރިޟްވާނަށް ވީގޮތް މަރު ކޮމިޝަނުން ވަނީ ހޯދާފައެވެ. ރިޟްވާން ރަހީނުކޮށްގެން ގެންދިއުމަށްފަހު ރަހުމުކުޑަ ގޮތަކަށް މަރާލި ކަމަށް ކޮމިޝަނުން ހާމަކުރީ ސެޕްޓެމްބަރު 01 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ ތަހުޤީގުކުރި ކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއްސުއޫދެވެ. ސުއޫދު އެ ދުވަހު ދެއްކެވި ވާހަކަތަކުން ގިނަ މައުލޫމާތު ތަކެއް ލިބިގެން ދިޔައެވެ. އެ ތަހުޤީގުން ހާމަވެގެން ދިޔައީ ރާއްޖޭގައި އިސްލާމް ދީން ޤަބޫލުނުކުރާ މީހުން ތިބިކަމެވެ. އަދި ކުރީ ސަރުކާރުން ހެދި ދޮގުތައް ވެސް ފެނި ހާމަވެގެން ދިޔައެވެ. ފުރަތަމަކަމަކަށް ހުސްނުއްސުއޫދު ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާވިސްއިން 24 އޭޕްރިލް 2014 އިން ފެށިގެން 22 ޖޫން 2014 އާ ހަމައަށް ރިޟްވާނަށް ފާރަލަމުން ގެންދިޔައިރު ވެސް މިކަމުގެ ހިލަމެއް ވެސް އޭރު ނުވި ކަމަށެވެ. އެގޮތުން އިންޓެލްގައި މަސައްކަތްކުރާ ފަރާތްތަކުން މައުލޫމާތު ދިފައިވާ ގޮތުގައި، ރިޟްވާނަށް ތްރެޓެއް އޮތްކަމަށް ޝައްކުކުރެވޭތީ އަދި ފޭސްބުކް ކަލާލެސް ގްރޫޕުގެ އެޑްމިން ކިޑްނެޕް ކުރުމުން ރިޟްވާނަށް އިންޓެލުން ފާރަލަމުން ދިޔަނަމަވެސް އެކަން ކުރެވިފައެއް ނުވެއެވެ.

ސުއޫދު ވިދާޅުވީ، ރިޟްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަން ދެއްކުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިސް ފަރާތްތަކެއް މަސައްކަތް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރުގެ ހައިކޯޓު ފަނޑިޔާރު ހަސަން ޢަލީއާއި ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު، ރިޟްވާންގެ ޕާސްޕޯޓް ހަދައި ސީރިއާއަށް ދިޔަކަށް ދައްކަން އުޅުނުކަމަށް ތަހުޤީގު ކޮމިޝަނުން ބުނެއެވެ. މިކަމުން އުތުރިއަރައިގަތީ ހިތް ނުތަނަވަސްކުރުވާފަދަ އެތައް ސުވާލުތަކެކެވެ. އެގޮތުން ރިޟްވާން ގެއްލުނު ފަހުން، އޭނާއަށް ވީގޮތް ހޯދުމުގެ ބަދަލުގައި އޭނާއާ ގުޅޭ ދޮގު ވާހަކަތަކެއް އޭރު ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުއުފެއްދިއެވެ. މިއީ އަސްލު އޮޅުވާލުން ނޫންތޯ ވެސް ސުވާލުކުރި މީހުން މަދެއް ނޫނެވެ.

ކޮންމެއަކަސް، މި ދެންނެވި ކަންކަމުގެ ނިމުމެއް އައުމުގެ ކޮޅުމަތި ފެނިގެން ދިޔައީ ރައީސް ޔާމީން މި މައްސަލައިގައި މަރު ކޮމިޝަނަށް ހާޒިރުކުރަން ނިންމި ހިސާބުންނެވެ. ރައީސް ޔާމީން މަރުކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 3 ވީ އަންގާރަ ދުވަހުއެވެ. އެހެންނަމަވެސް އެމަނިކުފާނު އަމަލުފުޅުކުރެއްވީ ޒިންމާދާރު ގޮތެއްގައި ނޫންކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. ކޮމިޝަންގައި ކަންކަންވީގޮތް ބަލައިލުމަށްކުރި މަސައްކަތުން އެނގުނުގޮތުގައި ރިޟްވާނުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ކަންކަން އޮޅުންފިލުވުމަށްޓަކައި, ޖަވާބުދާރީ ވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވި ކަމަށެވެ. ނަމަވެސް ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް ރައީސް ޔާމީން ހަނު ހުންނެވީ ކަމަށް ހާމަވެގެން ދިޔައެވެ. އަދި ދައުލަތުގެ މަތީ މަޤާމެއް ފުރުއްވާފައިވާ އެފަދަ ބޭފުޅަކު, ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައި ނުވާތީ ކޮމިޝަނުން ހިތާމަކުރިއެވެ. މިއީ ހަނުހުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އަދި އެއީ ގަޓު ރައީސްކަމަށް އެއް އިރަކު ވިދާޅުވި ވެރިޔާއާ "ނުބައްދަލު" އަމަލުފުޅެކެވެ.

ޔާމީން ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ޙުސައިން ވަޙީދު ވަނީ 6 ފަހަރަކު މަރު ކޮމިޝަނަނަށް ހާޒިކޮށްފައިކަމަށް ވިދާޅުވި

ދެން މިކަމުގައި އޭރު ސަރުކާރުގެ އިޚުތިލާފެއް އަނެއްކާވެސް ފެންމަތިވިއެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ގދ. މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ސަރުކާރުގެ އޭރުގެ "ސްޓެންސް"އާ މުޅިން ޚިލާފު ވާހަކަތަކެއް އަޑުއިވުނެވެ. މި ދަންނަވަނީ ރިޟްވާން ގަދަވެ ހުރިކަމަށް ޔާމީން ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވިދާޅުވި ވިދާޅުވުމެވެ. މިކަންވެސް މަތިކުރެއްވީ މަރު ކޮމިޝަނުގެ ބޮލުގައެވެ. ކޮންމެއަކަސް މިއަދު ދަންނަވަން ޖެހެނީ، ކުރީ ސަރުކާރުން ދެއްކި ދަޅަތަކާއެކު ރިޟްވާންގެ މައްސަލަ އިތުރު އޮޅުން ބޮޅުންގަނޑެއްގެ ތެރެއަށް ދިޔަކަމަށެވެ.

މިކަމުގެ ހަޑި ފިލުވުމަށް މި ސަރުކާރު ފަހަތަކަށް ޖެހިވަޑައިނުގަންނަވާކަން މިއަދު މިވަނީ ހާމަވެފައެވެ. އެގޮތުން ނޫސްވެރިޔާ ރިޟްވާންގެ މައްސަލަ މިހާރު ބަލަމުން އަންނަނީ ބޭރުގެ ތަޖުރިބާކާރުންނާ ވެސް ގުޅިގެންކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މި އަހަރުގެ ނިޔަލަށް އެ މައްސަލަ ބަލައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހު ވިދާޅުވީ އެ މައްސަލަ މަރު ކޮމިޝަނުން ރަނގަޅަށް މޮނިޓަރ ކުރާ ކަމަށާއި، އެ މައްސަލައިގެ އަޕްޑޭޓްތައް ކޮމިޝަނުން ބަރާބަރަށް ރިޟްވާންގެ އާއިލާއާ ހިއްސާކުރަމުން އަންނަކަމަށެވެ.

ކޮމެންޓް