ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 23:41
މާލޭގެ މަގެއް
މާލޭގެ މަގެއް
އަމްނާ އިމާދު
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 113 މީހުން ކޮވިޑަށް ޕޮޒިޓިވް، ރަނގަޅުވީ 95 މީހުން
 
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ އަތޮޅުތެރެއިން 71 މީހަކު ވަނީ ޕޮޒިޓިވްވެފައި
 
މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައި
 
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 78،356ށް އަރާފައި

ރާއްޖެއިން އިތުރު 113 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 113 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 71 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 23 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 78،356ށް އަރާފައެވެ.

ކޮވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 2،577 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 95 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 75،545ށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5،664 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިހާތަނަށް އައިރު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 222 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ދިން ނަމަވެސް މިހާރު އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރާނަމަ ކޭސްތައް އިތުރުވެގެން ނުދާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ, ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލައި ލުއިތައް ދެމުންދާ ކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަމާއި، މާސްކް އެޅުންފަދަ ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ތަންފީޒީ އިދާރާތަކާއެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިންސްޕެކްޝަންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޚިދުމަތްދޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން ވެސް މިފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ގިނަ ތަކުލީފުތަކެއް ރައްޔިތުން އުފުލަން ޖެހުނުކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ އެހާލަތަށް ނުދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް