ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 22:49
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސާވިސް
ފުލުހުންގެ ތަރައްގީއަށް މިސަރުކާރުން ކުރާ މަސައްކަތް އިދިކޮޅަށް ހަޖަމް ނުވަނީތަ؟
 
ފުލުހުންގެ އަމިއްލަ އިމާރާތްތައް އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް
 
ފުލުހުންގެ މުވައްސަސާ ލާމަރުކަޒު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ދިވެހި ފުލުހުންގެ ޚިދުމަތް ދެމުންދާތާ އެތަކެއް ޒަމާންތަކެއް ވެފައިވާއިރު، ފުލުހުންގެ މަސައްކަތް މީގެ ކުރިން ފެނިފައި އޮތީ މާލެއަށް ޚާއްސަ ޚިދުމަތެއްގެ ގޮތުގައެވެ. އަތޮޅުތެރެއަށް ފުލުހުންގެ ޚިދުމަތް ދިން ނަމަވެސް، އެކަން ކުރަމުން އައީ ނަމެއްގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އެކި ސަރުކާރުތަކުގައި ގެނެވި، ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރެވި، އަތޮޅު ތެރެއިންވެސް ގިނަ ޚިދުމަތްތަކެއް އަންނަނީ ދެމުންނެވެ.

ފުލުހުންގެ ޚިދުމަތް ފުޅާވެގެން އައިއިރު، އެޚިދުމަތް ދިނުމަށް އެކަށީގެންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ވެފައެއް ނެތެވެ. ފުލުހުންނާ ސިފައިން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ މަގްސަދުގައި ބައެއް ސިޔާސީ ފަރާތްތަކުން ކޮށްދިން ކަމެއްވެސް ކޮށްދީފައި އޮތީ އެމީހުންގެ ވަކިވަކި މީހުން ރުއްސުމުގެ ނިޔަތުގައި ކުރިކަމެއްގެ ގޮތުގައެވެ. ޖުމްލަކޮށް ފުލުހުންގެ މުއައްސަސާގެ ކުރިމަގަށްޓަކައި ކުރިކަމެއް މަދެވެ.

އެހެންނަމަވެސް، މިއަދުގެ ސަރުކާރުގެ މަންޒަރު ތަފާތެވެ. ފުލުހުންނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ބަޔަކަށް ހެދުމަށްޓަކައި ގާނޫންތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ފުލުހުންގެ ތަމްރީން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، ފުލުހުންގެ ވީރާނާވެފައިވާ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، އުމްރާނީ ވަސީލަތްތައް ނެތް ތަންތަނުގައި އެވަސީލަތްތައް ގާއިމްކޮށް، ފުލުހުން ލާމަރުކަޒުކުރުމުގެ ހަގީގީ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ.

ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާކުރުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެކު އެއްބަސްވުން - ޕޮލިސް

މީގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކަށް ވެގެންދާނީ ހަމަ ޔަގީނުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތެވެ. އެގޮތުން ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ އެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ފުލުހުން ވަނީ ނިމިދިޔަ ޖުލައި މަހު ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމަރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްގީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ޚިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެކަމަށް ފުލުހުން އޭރު ބުންޏެވެ.  އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެކަމަށްވެސް ފުލުހުން ބުނެއެވެ.

މިއީ ހަގީގީ ކުރިއެރުމެވެ. ޒަމާނީ ޕޮލިސިން އަށް ބޭނުންވާ މުހިއްމު ކަންކަމެވެ. މިހާރުގެ ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްފައިވާ ރަށްރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ފުލުސް މަރުކަޒު ހުރީ މަދު ރަށެއްގައެވެ. 80 ޕަސެންޓަށްވުރެ ގިނަ މަރުކަޒުތައް ހުރީ އަމިއްލަ މީސްމީހުންގެ ގޭގޭގައެވެ. އުތުރުގެ ރަށެއްގައި ކަރީމްބެގެ ގޯތީގައި ފުލުހުންގެ މަރުކަޒެއް އަޅާފައި ހުއްޓާ، ކަރީމްބެއާ ޖެހިގެން ހުރި ގޯތީ ޝާކިރުއާ މައްސަލައެއް ޖެހި، އެމައްސަލައިގެ ތެރެއަށް ފުލުހުން ވަންނަން ޖެހިއްޖެ ހިނދެއްގައި، ގޯސް ހެދީ ޝާކިރު ނަމަވެސް ފުލުހުން ކަރީމްބެ ކޮޅަށް އެރީ ކަރީމްބެގެ ގޭގައި ފުލުހުން ތިބޭތީއޭ ކިޔާ ރަށުތެރޭގައި އެވާހަކަ ނުދައްކާނެ ގޮތެއް، އެއީ ނެތް ގޮތެކެވެ.

މީގެ އިތުރުން މިފަދަ އިމާރާތްތައް ހަދާފައި ހުންނަ ގޭގޭގައި ސެކިއުރިޓީ ލެވެލްއަކީ ގޭގައި އުޅޭ ކުޑަކުއްޖާ ކުއްލިއަކަށް ދުވެފައި މަގުމައްޗަށް ނިކުތުން ހުއްޓުވުމުގެ ލެވެލްއެވެ. ނުރައްކާތެރި ކުށްވެރިއަކު ހާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ފުލުހުންގެ މަރުކަޒެއްގައި ހުންނަން ޖެހޭނެ ސެކިއުރިޓީއެއް ނޫނެވެ. މީގެ އިތުރުންވެސް ފުލުހުންގެ ރިކަރަންޓް ޚަރަދުގައި، ޕޮލިސް ސްޓޭޝަންތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދަކީ ބޮޑު އަދަދެކެވެ.

އެހެންކަމުން މި ސަރުކާރުން ފެށި މި މަސައްކަތާއެކު ހުރިހާ ސަރަހައްދެއްގައި ފުލުހުންގެ އަމިއްލަ އިމާރާތްތައް އެޅުނީއެވެ.

ދެން އޮތީ މިކަމާ އިދިކޮޅު ހަދާ ފަރާތްތަކުގެ ވާހަކައެވެ. އިންޑިއާ ކުންފުންޏަކުން މިކަން ކުރާތީ ގޯސްވީއެވެ. މި މަޝްރޫއުގެ 85 ޕަސެންޓް ފައިނޭންސް ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އިންޑިއާ އެގްޒިމް ބޭންކުން ފައިނޭންސް ކުރާނަމަ އެމަސައްކަތް ހަވާލުކުރާނީ އިންޑިއާގެ ކުންފުންޏަކާއެވެ. އެތަނަށް މަސައްކަތަށް ގެންނާނީވެސް އިންޑިއާ މީހުންނެވެ. އެކްސްޕޯޓް އިމްޕޯޓް ބޭންކުތައް މަސައްކަތްކުރާ ގޮތާއި، ހާމަކޮށްފައި ހުންނަ މައުލޫމާތު ހޯދާ ބަލަން އުޅޭ މީހުންނަށް މިއީ ވަރަށް ފަސޭހައިން ލިބެން ހުންނަ މައުލޫމާތެވެ.

މި މަޝްރޫއު ހިންގުމަށް ދާ ޚަރަދާ ގުޅޭގޮތުން ދިވެހި ފުލުހުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަންޖެހޭ ޚަރަދު ނިސްބަތުން ކުޑައެވެ. ދެން މިކަމުގައި ދައްކަން އޮތީ ކޮން ވާހަކައެއްތޯއެވެ؟ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އަލަށް އުފެއްދި ކުންފުންޏެއްކަމަށް ބުނާއިރު، ނަމުގެ ފަހަތަށް އަންނަ ޖޭ.ވީ (ޖޮއިންޓް ވެންޗަރ) އަކީ ކޮބައިކަން ނޭނގެނީތޯއެވެ؟ އެކުންފުންޏަކީ އިންޑިއާގައި އުމްރާނީ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރާތާ 35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަޝޯކާ ބިލްޑްކޮން އާއި، އެފަދަ މަސައްކަތްކުރާތާ 11 އަހަރުވެފައިވާ އިންދްރާ ޕްރޮޖެކްޓްސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. މިހިރީ ހާމަޔަށް ފެންނަން ހުރި މައުލޫމާތެވެ.

މި މަސައްކަތަށް އިންޑިއާ މީހުން އަންނާތީ ކަންބޮޑުވެގެން އުޅޭ މީހުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ، މިހާރު ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކަށް ބޭރު މީހުން ގެންނަނީ ރާއްޖޭގައި އެ މަސައްކަތްކުރަން ދަންނަ މީހުން އިންޑިއާގެ މި ޕްރޮޖެކްޓް އަންނާތީ އެހެން މަސައްކަތެއް ނުކޮށްތިބީމާތޯއެވެ؟ ހަގީގަތަކީ ދިވެހިރާއްޖޭގައި މިފަދަ މަސައްކަތްކުރާނެ މީހުން އެކަށީގެންވާ އަދަދަކަށް ނެތުމެވެ. 61 ސައިޓްގައި ހިންގާ ޕްރޮޖެކްޓްތަކަށް 61 އިންޖިނިއަރުން މިދިވެހިރާއްޖޭއިން މިހިނދުން މިހިނދަށް ލިބޭނެތޯއެވެ؟ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުން ބޭނުންވާ ވަރަށް ލިބޭނެތޯއެވެ؟ ހަގީގަތް އެއޮތީ ފެންނާށެވެ.

މައްސަލައަކީ އެންމެ މައްސަލައެއްކަމަށް ފެނެއެވެ. މައްސަލައަކީ ފުލުހުންގެ ތަރައްގީއަށް ސަރުކާރުން މަސައްކަތްކުރާތީ، އެކަން ހަޖަމްކުރަން ބަޔަކަށް އުނދަގޫވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް