ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 19:57
ތިން ގައުމެއްގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވުން
ތިން ގައުމެއްގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވުން
ރައީސް އޮފީސް
ސަފީރުކަމުގެ ފަތްކޮޅު އެރުވުން
ތިން ގައުމެއްގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
 
ރައީސް ވަނީ ގައުމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައި
 
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުންނަށް މަރުހަބާ ވިދާޅުވެފައި

މެކްސިކޯ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރާއި، ރުވާންޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރާއި، ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މެކްސިކޯގެ ސަފީރު ފެޑެރީކޯ ސަލަސް ލޮފްޓް

މެކްސިކޯއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ފެޑެރީކޯ ސަލަސް ލޮފްޓް - ރައީސް އޮފީސް

ރައީސް އޮފީހުގައި އާދީއްތަ ދުވަހު މެންދުރު އޮތް ބައްދަލުވުމުގައި މެކްސިކޯގެ އައު ސަފީރަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި، މެކްސިކޯއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައިފައެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލާ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ސަފީރާ މަޝްވަރާކުރައްވާފައި ވެއެވެ. މެކްސިކޯ ސަފީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ޢަދަދެއްކެ މެކްސިކޯ ރައްޔިތުން މިހާރުވެސް ރާއްޖެ ޒިޔާރަތްކުރުމަށް ޝައުގުވެރިވާކަމަށާއި، ރާއްޖޭގެ ރިސޯޓްތަކުގައި ޝެފުންގެ ގޮތުގައި އަދި، މެނޭޖީރިއަލް ޕޮޒިޝަންތަކުގައި މިހާރުވެސް ގިނަ ޢަދަދެއްގެ މެކްސިކޯ ރައްޔިތުން ވަޒީފާއަދާކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ރާއްޖެއާއި، މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 ނޮވެންބަރު 1975 ގައެވެ.

ރުވާންޑާގެ ސަފީރު ޖެކުއަލިން މުކަންގިރާ

ރުވާންޑާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޖެކުއަލިން މުކަންގިރާ - ރައީސް އޮފީސް

ރުވާންޑާގެ އައު ސަފީރު ޖެކައުލިން މުކަންގިރާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުއްވީ އާދީއްތަ ދުވަހުގެ މެންދުރުކުރީގައި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި ރުވާންޑާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރުވާންޑާގެ ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރުވާންޑާގެ ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރުވާންޑާގެ ރައީސް ޕޯލް ކަގާމޭގެ ފަރާތުން ހެޔޮއެދުންތައް އަރިސްކޮށްފައެވެ. އަދި، އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފައިވާތީ އެކަމަށް މަރުހާބާ ދެންނެވިއެވެ. މީގެ އިތުރުން، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ.

ޖަރުމަނުގެ ސަފީރު ހިޒް އެކްސެލެންސީ ހޮލްގަރ ލޯތަރ ސިއުބަރޓް

ޖަރުމަނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ހޮލްގަރ ލޯތަރ ސިއުބަރޓް - ރައީސް އޮފީސް

ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ހޮލްގަރ ލޯތަރ ސިއުބަރޓް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އައު ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަރުމަނަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި ޖަރުމަނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަރުމަނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިގޮތުން، ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި، ސިއްހީ ދާއިރާ އަދި، ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ގައުމުގެ ކޮވިޑް-19ގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުގެ އަމާޒަކީ ވަކި ގައުމެއްގެ ރައްޔިތުން ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހާ ނިންމާނެ ކަމުގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް