ސްކޫލް ކުދިންނަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ގޮތުން ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު އައްޒަ ވިދާޅުވެއްޖެއެވެ.
އަންނަ އަންގާރަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވެފައިވާ ތައްޔާރީތައް ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޒަ ވިދާޅުވީ ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. 12 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާކަމަށާއި، މިފަދަ ކަމެއް ކުރާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭނީ ބެލެނިވެރިން މިކަމަށް ހޭލުންތެރިކުރުން ކަމަށް އައްޒަ ވިދާޅުވިއެވެ.
ބެލެނިވެރިން މިކަމަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށް އެޗްޕީއޭއާ ގުޅިގެން ބެލެނިވެރިންނަށް މިކަމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފަށާފައިވާކަމަށް އައްޒަ ވިދާޅުވިއެވެ. އެޗްޕީއޭގެ ފަރާތުން އޮރިއެންޓޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންދަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށާއި، އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްގެންދާނީ ހެލްތް ފެސިލިޓީތަކުން ކަމަށް އައްޒަ ވިދާޅުވިއެވެ.
އައްޒަ ވިދާޅުވީ މިފަދަ ބޮޑު މަސައްކަތެއް ފަށާއިރު، ބެލެނިވެރިން މިކަމަށް އަހުލުވެރިވެފައި ތިބުން މުހިންމު ކަމަށެވެ. ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ޔަގީންކުރަންޖެހޭ ކަމަށާއި، ދަރިވަރުންގެ ހުއްދަ ވެސް މިކަމަށް ހޯދަންޖެހޭ ކަމަށް އައްޒަ ވިދާޅުވިއެވެ.
އައްޒަ އިތުރަށް ވިދާޅުވީ ޓީޗަރުންނަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އަތޮޅުތެރެއާއި މާލޭގެ 96 އިންސައްތައަށްވުރެ ގިނަ މުދައްރިސުން މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ޓީޗަރުން ދެވަނަ ޑޯޒް ވެސް ޖަހަމުންދާކަމަށް އައްޒަ ވިދާޅުވިއެވެ.
އަދި އެއްވެސް ސަބަބަކާހުރެ ވެކްސިން ނުޖެހޭނަމަ އެކަން އެޗްޕީއޭގެ ލިޔުމަކުން މިނިސްޓްރީއަށް އެންގުމުން އެކަން ގަބޫލުކުރާނެ ކަމަށް އައްޒަ ވަނީ ވިދާޅުވެފައެވެ.
ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުންހުރި ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑުން ރައްކާތެރިވެ ތިބި ބައެއްކަން ކަށަވަރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންނަށް އަމާޒުކޮށް ވެކްސިނޭޝަން ޕްރޮގްރާމެއް ފަށާފައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ މުވައްޒަފުން ވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް މިނިސްޓްރީން ގެންދަނީ ބާރު އަޅަމުންނެވެ.