ބާސެލޯނާ ދޫކޮށް ނުދާނެ ކަމަށް ދާދި ފަހުން އެ ޓީމާ ގުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހުއެވެ. މިދިޔަ ސީޒަން ނިމުމާއެކު ސިޓީއާއެކު އަގުއޭރޯ ހަދާފައި އޮތް އެއްބަސްވުން ހަމަވިއިރު، މާޗު މަހުގެ ތެރޭގައި އޭނާ ވަނީ ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެއާއެކު އަގުއޭރޯ ބާސާއަށް ސޮއިކުރިއިރު، އޭނާ ވަނީ އެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުން އުވާލަން އެހެން ކުލަބަކުން 100 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބާސާއަށް އަގުއޭރޯ ބަދަލުވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއެކު އެއް ކުލަބަކަށް ކުޅުމުގެ ބޭނުމުގައެވެ. އެކަމަކު ދާދި ފަހުން ބާސާއިން ވަނީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް ނެތް ކަމަށް ބުނެފައެވެ.
މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ ބާސާއިން މެސީ ދޫކޮށްލުމާ ގުޅިގެން، އަގުއޭރޯވެސް އެ ކުލަބު ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އެނބުރި ސިޓީއަށް ބަދަލުވާންވެސް އަގުއޭރޯ މަސައްކަތްކުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަގުއޭރޯ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަގުއޭރޯ ބުނީ ބާސާއިން މެސީ ދޫކޮށްލި ނަމަވެސް، އޭނާގެ ފޯކަސް ހުރީ ކުރިއަށް އޮތް ސީޒަނުގައި ބާސާގައި ރަނގަޅަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ.
ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ. އެތުލެޓިކޯ ދޫކޮށް އަގުއޭރޯ އެންމެ ފުރަތަމަ ސިޓީއާ ގުޅުނީ 2011 ވަނަ އަހަރެވެ. އެއަށްފަހު އަގުއޭރޯ ވަނީ ސިޓީއަށް ކުޅެދިން 390 މެޗުގައި 260 ލަނޑު ޖަހާފައެވެ. އަދި ސިޓީއާއެކު އަގުއޭރޯ އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.