ދިރާސީ އައު އަހަރު ފެށުމާއެކު ދަރިވަރުންނަށް އެއްވެސް ފިލާވަޅެއް ނުގެއްލި، ކިޔެވުން ކުރިއަށްގެންދެވޭނެގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ އަންނަ އަންގާރަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ވިދާޅުވީ ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ބައެއް ކުދިންނަށް ފޮތްތައް ހަވާލުކުރުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ގްރޭޑެއް ދަރިވަރުންނަށް ވެސް ފޮތްތަކުގެ ސޮފްޓް ކޮޕީ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން މި ކުދިންނަށް ފޮތްތަކުގެ ހާޑް ކޮޕީ ހަވާލުކުރާނެ ކަމަށެވެ. މީގެ އިތުރުން ގްރޭޑް 9 އާއި 11 ގެ ދަރިވަރުންގެ ކިޔެވުމަށް މުޅިންހެން ބޭނުންކުރާނީ ފޮތްތަކުގެ ސޮފްޓް ކޮޕީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލްތަކަށް މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. ބޭރުން އަންނަ ޓީޗަރުން ކަރަންޓީނުގައި ތިބޭ މުއްދަތުގައި ވެސް އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށާއި، ދަރިވަރުންނަށް އެއްވެސް ފިލާވަޅެއް ނުގެއްލޭނެހެން ކިޔެވުން ކުރިއަށްގެންދިއުމަށް ގިނަ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޮނިޓަރިންގައި އޮތް ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދާނީ އެރަށެއްގެ ޓާސްކްފޯސްތަކާއި ގުޅިގެން ކަމަށާއި، ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެވޭ ހާލަތެއް އޮތްނަމަ އެގޮތަށް އެކަމެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުދިން ސްކޫލަށް ގެންދެވޭނެފަދަ ހާލަތެއް ނެތްނަމަ އެ ރަށްރަށުގައި ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސްކޫލްތަކުގެ ސެޝަންތައް ކުރިއަށްދާނީ އާންމު ހާލަތުގައި ވެސް ކުރިއަށްދިޔަ އުސޫލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަމަ ދެ ހަފްތާގައި ސެޝަން ފެށޭގަޑި ތަފާތު ވާނެ ކަމަށާއި، މި ދުވަސްތަކުގައި ސެޝަން ފެށޭ ގަޑިތައް ރޭވިގެންދާނީ ތޮއްޖެހުން ކުޑަވާނެ ފަދަ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުން ސްކޫލުގައި އުޅޭއިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އައު އާންމު ހާލަތުގައި ސްކޫލްތައް ހުޅުވާލިއިރު އަމަލުކުރަމުންދިޔަ އުސޫލާ އެއްގޮތަށް އަމަލުކުރަމުންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ކިޔެވުން ފެށެން ވާއިރަށް ސްކޫލްތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލެއް އެކުލަވާލާފައެވެ. މީގެ ތެރޭގައި ކްލާސްރޫމްތަކުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ގޮތާއި، ސްކޫލް ތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭނެ ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.