ޕާކިސްތާނުގެ ޓެރަރިސްޓެއް ކަމަށްވާ ބާބަރ އަލީ މަރާލާފައިވާ ކަމަށް ކަޝްމީރުގެ ސަލާމަތީ ބާރުން ބުނެފިއެވެ.
ޖައްމު ކަޝްމީރުގެ ފުލުހުން ބުނީ ބާބަރ އަލީ މަރާލައިފައިވަނީ މިދިޔަ މަހު ކަޝްމީރުގެ ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ޕާކިސްތާނުގެ ދެ ޓެރަރިސްޓުން ޖައްމު ކަޝްމީރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ކަޝްމީރުގެ ފުލުހުން ބުނެއެވެ. މި ދެ މީހުންގެ ތެރެއިން ބާބަރ އަލީ މަރާލައިފައިވާއިރު، އަނެއް މީހާ ޖަންގައްޔަށް ވަދެ ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޖައްމު ކަޝްމީރުގެ ފުލުހުން ބުނީ ބާބަރ އަލީގެ އިތުރުން ޕާކިސްތާނުގެ ލަޝްކަރޭ ޠައިބާއަށް ނިސްބަތްވާ އިތުރު ދެ ޓެރަރިސްޓަކު ވެސް މި މަހު ހިންގުނު އޮޕަރޭޝަނެއްގައި މަރާލާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ކަޝްމީރުގެ ފުލުހުން ނުދެއެވެ.