ލާޒިއޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި ޔުވެންޓަސްއިން އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ
ރޯމްގެ އޮލީމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ، ބާސާ ދޫކޮށްލުމަށްފަހު މި ސީޒަނުގައި ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެނީ އަލްވޭސް އެވެ. ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ،
މި ސީޒަނުގައި 3 ތަށި ހޯދުމުގެ އަމާޒުގައި ނިކުތް ޔުވެންޓަސްގެ އަމާޒަށް ވާސިލުވުމަށް މިއީ އެޓީމުން އެޅި ފުރަތަމަ ފިޔަވަޅެވެ. އެޓީމަށް ބާކީ އޮތީ އިޓާލިއަން ލީގުގެ ތައްޓާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު ކްރޮޓޯނޭއާ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް އިޓާލިއަން ލީގު ކާމިޔާބުކުރެވޭނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހުގެ 3 ވަނަ ދުވަހު ނިކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
އިޓާލިއަން ކަޕުގެ ޗެމްޕިއަން ޓީމަށް ޔޫރޮޕާ ލީގުން ޖާގަ ލިބޭއިރު، ޔުވެންޓަސްއަށް މިހާރުވެސް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ވެފައެވެ. އެހެންކަމުން ދެން މި ޖާގަ ލިބެން އޮތީ ލާޒިއޯ އަށެވެ. ނަމަވެސް އިޓާލިއަން ލީގުގައި އެޓީމު އޮތް މަހާމުން އެޓީމަށްވެސް ވަނީ ޔޫރޮޕާ ލީގުގެ ޖާގައެއް ލިބިފައެވެ. އެހެންކަމުން ދެން މި ޖާގަ ލިބޭނީ އިޓާލިއަން ލީގުގެ 6 ވަނަ ހޯދާ ޓީމަށެވެ. އެމަގާމަށް ވާދަކުރަމުން އަންނަނީ އިންޓަ މިލާނާއި، އޭސީ މިލާނުގެ އިތުރުން ފިއޮރެންޓީނާ އެވެ.