ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 11:56
ކޮވިޑް-19ން ރައްކާތެރިވުމަށް އިޓަލީން މިވަނީ ޓީޗަރުންގެ އިތުރުން ކިޔަވަންދާ ދަރިވަރުންގެ އަތުގައި ކޮވިޑް-19އަށް އިމިއުން ހެލްތު ފާހެއް ނުވަތަ ގްރީން ފާސް އޮންނަންޖެހޭނެ ކަމަށް ކަނޑައަޅާފައި
ކޮވިޑް-19ން ރައްކާތެރިވުމަށް އިޓަލީން މިވަނީ ޓީޗަރުންގެ އިތުރުން ކިޔަވަންދާ ދަރިވަރުންގެ އަތުގައި ކޮވިޑް-19އަށް އިމިއުން ހެލްތު ފާހެއް ނުވަތަ ގްރީން ފާސް އޮންނަންޖެހޭނެ ކަމަށް ކަނޑައަޅާފައި
ރޮއިޓަރސް
އިޓަލީގެ ކޮވިޑް-19 ހެލްތު ފާސް
އިޓަލީގެ ޓީޗަރުންނަށް ކްލާސްތަކަށް ވަދެވޭނީ ކޮވިޑް-19 ހެލްތު ފާހެއް އޮވެއްޖެނަމަ
 
ރެސްޓޯރެންޓްތަކަށް ގޮސް ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ވެސް ގްރީ ފާހެއް ހޯދަން ޖެހޭ
 
ޕަބްލިކް ޓްރާންސްޕޮޓޭޝަންގެ ޚިދުމަތްތައް ވެސް ބޭނުން ކުރެވޭނީ ގްރީން ފާހާއެކު
 
ޓީޗަރުންގެ އިތުރުން ޔުނިވާސިޓީތަކަށް ކިޔަވަންދާ ދަރިވަރުންގެ އަތުގައި ވެސް ގްރީން ފާސް އޮންނަންޖެހޭ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޓަލީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުން ތައާރަފުކޮށްފައިވާ ކޮވިޑް-19 ހެލްތު ފާސް ނުވަތަ ގްރީން ފާސް އޮވެގެން ނޫން ގޮތަކަށް ޓީޗަރުންނަށް ކްލާސްތަކަށް ކިޔަވައިދޭން ނުވަދެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޓީޗަރުންގެ އަތުގައި ގްރީން ފާހެއް އޮތުން މަޖުބޫރުކޮށްފައިވާ އިރު، ޔުނިވާސިޓީތަކަށް ކިޔަވަންދާ ދަރިވަރުންގެ އަތުގައި ވެސް މި ފާސް އޮންނަން ޖެހެއެވެ. އިޓަލީގެ ސަރުކާރުން ވަނީ ޕަބްލިކް ޓްރާންސްޕޮޓޭޝަންގެ ޚިދުމަތްތައް ވެސް ބޭނުން ކުރެވޭނީ ގްރީން ފާހާއެކު ކަމަށް ބުނެފައެވެ. އެގޮތުން ޓްރެއިންތަކާއި ބަސްތަކުގައި ދަތުރުކުރާ ފަރާތްތަކުގެ އަތުގައި ގްރީން ފާހެއް އޮންނަން ޖެހޭނެއެވެ. ވައިގެ މަގުން އަދި ކަނޑުމަގުން ދަތުރުކުރާ ނަމަވެސް މި ފާސް އޮންނަން ޖެހޭނެ ކަމަށް އިޓަލީ ސަރުކާރުން ބުނެއެވެ.

އޭގެ އިތުރުން އިޓަލީގެ ސަރުކާރުން ވަނީ ރެސްޓޯރެންޓްތަކަށް ގޮސް ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ވެސް ގްރީ ފާހެއް ހޯދަން ޖެހޭނެ ކަމަށް ބުނެފައެވެ.

ގްރީން ފާހަކީ އެންމެ މަދުވެގެން ކޮވިޑް-19 ވެކްސިނޭޝަންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ކޮވިޑަށް ޓެސްޓުކޮށް ނެގަޓިވްވެފައިވާ ފަރާތްތަކާއި ވަރަށް ފަހުން ކޮވިޑް ޖެހުމަށް ފަހު ބަލިން ރަނގަޅުވެފައިވާކަން އަންގައިދޭ ޑިޖިޓަލް ނުވަތަ ހާޑް ކޮފީ ފާހެކެވެ.

މިގޮތަށް ގްރީން ފާހަކާއެކު ކަންކަންކުރުމުގެ ހުއްދަ ދިނުމަށް އިޓަލީ ސަރުކާރުން ނިންމާފައިވަނީ އެގައުމުގެ އާބާދީގެ ވީހާވެސް ގިނަ މީހުން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެގޮތުން އެގައުމުގައި ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޓަލީން މިހާތަނަށް 4.38 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 128,163 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އަދި އެގައުމުގެ ވެކްސިން ޖެހޭ އާބާދީގެ 65 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 54 އިންސައްތަ މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް