ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 18:14
މާލެ ސިޓީގެ މަޖީދީމަގު
މާލެ ސިޓީގެ މަޖީދީމަގު
ރާއްޖެއެމްވީ
އިތުރު ލުއިތަކެއް ދިނުން
ކޭސްތައް ކޮންޓްރޯލްވުމާއެކު އިތުރު ލުއިތަކެއް ދީފި
 
ލުއިތައް ދޭން ނިންމާފައި ވަނީ އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން
 
ކެފޭ ރެސްޓޯރަންޓުތައް ކުރިންވެސް އާންމުކޮށް ހުޅުވާ ގަޑިތަކުގައި ހުޅުވުމުގެ ހުއްދަ ވަނީ ދީފައި
 
މީހުންގެ އަދަދު ކަނޑައެޅުމެއްނެތި، ޕާޓީތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައި

ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ލުއި ނުދެވި ހުރި މަދު ކަންކަމަށް ލުއި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ. ނަޒްލާ ރަފީޤު ވަނީ, މިހާރު ލުއި ނުދެވި ހުރި ކަންތައްތަކަށް އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކެފޭ ރެސްޓޯރަންޓުތައް ހުޅުވާ ގަޑިތައް, ކުރިންވެސް އާންމުކޮށް ހުޅުވާ ގަޑިތަކަށް ބަދަލުކުރުމުގެ ހުއްދަ ވަނީ މިހާރު ދީފައެވެ. އަދި މީހުންގެ އަދަދު ކަނޑައެޅުމެއް ނެތި, ހަފްލާތަކާއި ޕާޓީތައް ބޭއްވުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް މިފަދަ ހަފްލާތައް ބާއްވަން ޖެހޭނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. މިގޮތުން, މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އޯޕަން އެއަރ ތަންތަނުގައި ހަފްލާތައް ބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އޮފީސްތަކަށް މީހުން ހާޒިރުވެ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އޮފީސްތައް ހުޅުވާލައި, އޮފީސްތަކުން ދޭ ޚިދުމަތްތައް ދެވޭނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތަށް އޮފީސްތައް ހުޅުވާލި ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މަތިން އޮފީސްތަކުން މުވައްޒަފުންނަށް ހަދާންކޮށްދީ, މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެވުނު ލުއިތަކުގެ ތެރޭގައި, ސްކޫލްތަކާ އެއްގޮތަށް ކޮލެޖު އަދި ޔުނިވަރސިޓީތަކަށް ވެސް ދަރިވަރުން ހާޒިރުވެ ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ކޭސްތައް މަދުވާން ފެށުމާއެކު ތަފާތު ގިނަ ލުއިތައް ދެމުންދާ އިރު، އަލަށް މިދެވުނު ލުއިތަކާއި ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިދީފައެވެ. މިލުއިތަކާއެކު ވެކްސިނޭޝަން ޕްރޮގްރާމް މިއަށްވުރެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް, ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައު އާންމު ހާލަތުގައި މަސައްކަތްކުރުމަށް ކަމާބެހޭފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
15%
54%
8%
23%
0%
0%
ކޮމެންޓް