މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މީގެ ކުރިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.
އެ ފަހަރު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މުބާރާތް ފަސްކުރަން ނިންމީ ކޮވިޑުގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.
އެކަމަކު މިހާރު މި މުބާރާތް ވަނީ އަންނަ އަހަރަށް އަނެއްކާވެސް ފަސްކޮށްފައެވެ. ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ މުބާރާތް ދެން އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށްވެސް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.
އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 400 އެތުލީޓުންނާއެކު އެ މުބާރާތް ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.