ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 17:40
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން
ގެޓީ އިމޭޖަސް
އެރިކްސަނަށް ކުޅެވޭތޯ ބެލުން
އެރިކްސަނަށް އިޓަލީގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހަދަނީ
 
އެރިކްސަނުގެ ހިތަށް ވަނީ އައިސީޑީއެއް ލައްވާފައި
 
އައިސީޑީ ލައްވައިގެން ހުރެ އެރިކްސަނަށް ނުކުޅެވޭނެ

އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހަދަން ތައްޔާރުވެއްޖެއެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. ޑެންމާކުގެ ކޯޕަންހޭގަންގައި ފިންލެންދާ ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނެޓުގެ ތެރެއިން އެރިކްސަން ހޭނެތިގެން ވެއްޓުމާއެކު ރެފުރީ ވަނީ ވަގުތުން މެޗު ހުއްޓާލައި، ސިއްހީ އެހީތެރިން ދަނޑަށް އަރުވާފައެވެ. އަދި އެތައް އިރެއް ވަންދެން އެރިކްސަނަށް ދަނޑުމަތީ ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެ ޑިވައިސްއަކީ ހިތުގެ ވިންދު ވަކި މިންވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސްއެކެވެ. އެގޮތުން ހިތުގެ ވިންދު މާ އަަވަސްވާނަމަ، އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެއެވެ.

މީގެ ކުރިން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީގެ އިސް އޮފިޝަލް ފްރަންސެސްކޯ ބްރަކޮނާރޯ ވަނީ އައިސީޑީ ލައްވައިގެން ހުރެ އެރިކްސަނަށް އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށް ބުނެފައެވެ. އެއާއެކު އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހަދަން ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓެސްޓުތައް ހެދުމަށް އަންގާރަ ދުވަހު އެރިކްސަން ވަނީ މިލާނަށް ގޮސްފައެވެ. އަދި ބުދަ ދުވަހު މި ޓެސްޓުތައް ފަށާއިރު 48 ގަޑިއިރު ވަންދެން ޓެސްޓުތައް ކުރިއަށްދާނެ ކަމަށާއި، ޓެސްޓުތައް ކުރިއަށްގެންދަނީ އިންޓަގެ ޓްރެއިނިން ގްރައުންޑުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ ޓެސްޓްތަކުން އެރިކްސަން ފާސްވެއްޖެނަމަ، އޭނާ ހަ މަސް ދުވަސް ވަންދެން އިތުރު ޓެސްޓުތަކެއް ހަދާނެއެވެ. އެ ހުރިހާ ޓެސްޓްތަކުގެ ނަތީޖާ ރަނގަޅުނަމަ އަށް މަހެއްހާ ދުވަސް ތެރޭ އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅުމަށް އެނބުރި އާދެވޭނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާގައި މޮޅު ކުޅުމެއް ދެއްކި އެރިކްސަން އިންޓައަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުނ 16.9 މިލިޔަން ޕައުންޑަށެވެ. އިންޓަގައި އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް