ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 16:03
ޓްރެފިކް ފުލުހުން މަގުމަތި ބެލެހެއްޓުމުގައި
ޓްރެފިކް ފުލުހުން މަގުމަތި ބެލެހެއްޓުމުގައި
އަތޫފް އާތިފް
ފުލުހުންގެ ތަމްރީން
ސީޕީސީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި
 
ތަމްރީނު ފަށާފައިވަނީ އޮގަސްޓް 4 ގައި
 
ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދާނީ ޑިސެމްބަރު 5 ގެ ނިޔަލަށް
 
ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރުން

ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގައި މަސައްކަތްކުރާ ފުލުހުންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގައި ހިމެނޭ ޓްރެފިކް ޕޮލިހާއި މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ޕޮލިހުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފައިވާ ކަމަށެވެ.  

ތަމްރީނު ޕްރޮގްރާމްތައް ފެށުމަށް އިސްކަންދަރުކޮށީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާތަކެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިފަދަ ޕްރޮގްރާމްތަކާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި، މުވައްޒަފުންގެ މަސައްކަތްތައް އިތުރަށް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެކަމަށެވެ. ޒިންމާދާރުކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދިމާވާ ކަންކަން ހައްލުކޮށް މައްސަލަތައް މަދުވެގެންދާނެ ކަމަށް ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ބުދަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމްތަކަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން މިހާރުގެ ހާލަތާއި އެކަށީގެންވާ ތަމްރީނާއި ހުނަރު ލިބިފައި ތިބި ބަޔަކަށް ހެދުމާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފެށި ތަމްރީނު ޕްރޮގްރާމްތަކެއް ކަމަށެވެ. އެގޮތުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު އިތުރުކުރުމަށް ލީޑަރ ޝިފް ޕްރޮގްރާމްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް އަދި ކައުންޓަރ ޓެރަރިޒަމް ތަމްރީނުތަކުގެ އިތުރުން އޮސްޓް ރިފްރެޝަރ ޕްރޮގްރާމްތައް ވެސް ހިމެނެއެވެ. ސިނާރިއޯ ބޭސްޑް ޓްރެއިނިންގ އަދި ފްރަންޓްލައިންގައި ޑިއުޓީ އަދާކުރުމުގައި މިހާރަށްވުރެ ރަނގަޅު ހުނަރުތައް ދަސްކޮށްދިނުމަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އިންޑޯރ އަދި އައުޑްޑޯރ ކްލާސްތަކާއެކު ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި އަހަރުގެ ޑިސެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް