ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 12:01
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓްރީ
ވަގުފް އިމާރާތް
ވަގުފް އިމާރާތް އެޅުމަށްޓަކައި ހުޅުމާލެއިން ދެ ބިމެއް ހަމަޖެހިގެން ދާނެ: އިސްލާމިކް މިނިސްޓަރ
 
އެ އިމާރާތުން ލިބޭ ފައިސާ ޚަރަދުކުރާނީ ދީނީ ކަންތައްތަކަށާއި ޤުރުއާނުގެ އިލްމު ފުޅާކުރުމަށް ކަމަށް ވިދާޅުވި
 
20،000 އަކަފުޓޫގެ ދެ ބިން ވަރަށް އަވަހަށް ލިބިގެންދާނެ

ވަގުފް އިމާރާތް އެޅުމަށްޓަކައި ހުޅުމާލެއިން ދެ ބިމެއް ހަމަޖެހިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ވަގުފް ދިރުވުމަށްޓަކައި މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ވަގުފް އިމާރާތެއް އެޅުމަށްޓަކައި މާލެއިން ބިމެއް ހަމަޖެއްސުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް މާލެއިން ބިމުގެ ތާށިކަން ކުރިމަތިވުމުން ހުޅުމާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި 20،000 އަކަފުޓޫގެ ދެ ބިން ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި އެ އިމާރާތުން ލިބޭ ފައިސާ ޚަރަދުކުރާނީ ދީނީ ކަންތައްތަކަށާއި ޤުރުއާނުގެ އިލްމު ފުޅާކުރުމަށް ކަމަށް ވިދާޅުވިއެވެ.

މާލޭގައި މިހާރު ވެސް ވަގުފް އިމާރާތެއް މިނިސްޓްރީން ވަނީ ބިނާކޮށްފައެވެ. ދާރުލް އިމާނުގެ ނަމުގައި ބިނާކުރި މި އިމާރާތަކީ މިސްކިތު ފަންޑަށް ހާއްސަކޮށްގެން ބިނާކުރި އިމާރާތެކެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ދާރުލް އިމާނުގެ އިމާރާތުން ލިބޭ ފައިސާ ޚަރަދު ކުރަނީ މިސްކިތްތަކަށް ކަމަށާއި އަމާޒަކީ މިސްކިތްތަަަކަށް ވެސް އިތުރު ވަގުފް އިމާރާތްތައް އެޅުން ކަމަށެވެ. މިހާރު ހުރި ވަގުފް އިމާރާތުގެ އިތުރުން އެހެން އިމާރާތެއް އެޅިއްޖެކަމަށްވާނަމަ ދައުލަތުން މިސްކިތްތަަކަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު ދާރުލްއީމާން އިމާރާތުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް ދާރުލްއީމާނުގެ މައްސަލާގައި ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ދާރުލް އީމާނުގެ މައްސަލާގައި ލިބެންޖެހޭ ފައިސާ ކުރިން ނުލިބި ހުރި ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ދައްކަން ޖެހޭ ފައިސާ އޭރު ހުރި ކަމަށާއި، އެ ކުންފުނީގެ އައު މެނޭޖްމަންޓާ ވާހަކަ ދައްކައިގެން މިހާރު ފައިސާ ހޯދާފައިވާ ކަމަށެވެ. އަދި މިހާރު އެކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.

ދާރުލްއީމާނު އިމާރާތުގެ 6 ފަންގިފިލާ، 5 އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރު 2016 ގައި މިނިސްޓްރީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ، ކުލީގެ ގޮތުގައި ޖުމްލަ 8 މިލިޔަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މިސްކިތުފަންޑަށް 6 މިލިޔަން ރުފިޔާ ޖަމާކުރަންވާނެ ކަމަށާއި، ބާކީ 2 މިލިޔަން ރުފިޔާ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖަމާކުރަންވާނެ ކަމަށެވެ.

މިސްކިތްތަކަށް އެހީވާން ހެދި ވަޤުފު ބިނާ "ދާރުލް އީމާން'' ހުޅުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. 23 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ އެ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ އިމާރާތް ބިނާކޮށްފައި ވަނީ މިސްކިތު ފަންޑުގެ ފައިސާއިންނާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް