ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 19:48
އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)
އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)
ސަން އޮންލައިން
ދަގަނޑޭ އީގަލްސްއާ ގުޅުން
ދަގަނޑޭ ހުރުމުން އިދިކޮޅު ޓީމު ޖެހިލުންވާނެ: ޝާޒްލީ
 
ޕްލޭއޮފް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހު
 
އީގަލްސް ނުކުންނާނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގައި ހުރުމުން އިދިކޮޅު ޓީމުން ޖެހިލުންވާނެ ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

އޭއެފްސީ ކަޕާއި ދިމާކޮށް އީގަލްސްއިން ހަތް ކުޅުންތެރިއަކު ގެނައިރު، އޭގެ ތެރޭގައި ދަގަނޑޭވެސް ހިމެނެއެވެ. މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އީގަލްސްގެ ޖާޒީގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުގައި ޝާޒްލީ ބުނީ ދަގަނޑޭ އެ ޓީމުގައި ހުރުން އެއީ ޓީމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ދަގަނޑޭއަކީ އަދިވެސް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށެވެ. އަދި ދަގަނޑޭ ޓީމުގައި ހުރުމަކީ ޓީމުގައި ދެން ތިބި ކުޅުންތެރިންނަށްވެސް ލިބިގެންދާ ހިތްވަރެއް ކަމަށާއި، އަދި ވަރުގަދަ މެޗަކަށް ނުކުންނައިރު ދަގަނޑޭގެ ތަޖުރިބާއަކީ ޓީމަށް ވަރަށް މުހިންމު އެއްޗެއް ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ދަގަނޑޭއާ ދެކޮޅަށް ކުޅެން ޖެހުމަކީ އިދިކޮޅު ޓީމުން އެކަމާ ޖެހިލުންވާނެ ކަމެއް ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

ކުރިއަށް އޮތް އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސްއާ ގުޅުނުއިރު، ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. އޭގެ ފަހުން ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ބްރޫނާއީގެ ޑީޕީއެމްއެމް އެފްސީ އާއި، ވީބީ އައްޑޫ އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ.

އޭއެފްސީ ކަޕާއި ދިމާކޮށް އީގަލްސްއިން ސްކޮޑު ވަރުގަދަކުރިއިރު، އެ ޓީމުން ވަނީ ދަގަނޑޭގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) އަދި ގޯލްކީޕަރު މުޙައްމަދު ފައިސަލުވެސް ގެނެސްފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް އީގަލްސްއިން ތައްޔާރުވަމުން އަންނައިރު، ޕްލޭއޮފް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
25%
75%
ކޮމެންޓް
9 އޯގަސްޓް 2021 | ހޯމަ 22:51
Qatar
މިހާރު ވެސް ... ދަގަނޑޭ..ކުރީ ގެ ކުޅުން... ތަކުރާރު ކުރުން ސަޕޯޓަރުން..އުންމީދަކީ