މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 195.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުން އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 230.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 34.8 މިލިއަން ރުފިޔާ ޓެކުހަށް ކަނޑާފައިވާކަމަށް ދިރާގުން ވަނީ ބުނެފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ދަށް އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑެމުގެ ކުރިން 258.4 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވެއެވެ. 38.6 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުން ސާފު ފައިދާގެ ގޮތުގައި 219.7 މިލިއަން ރުފިޔާ ދިރާގަށް ލިބިފައިވެއެވެ.
ދިރާގުން ބުނީ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 617.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ޚިދުމަތްތަކުން ކަމަށް ދިރާގުން ބުނެފައިވެއެވެ. މޯބައިލް ޚިދުމަތްތަކުން 340.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުން ބުނެއެވެ. ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަރޕްރައިސް ޚިދުމަތްތަކުން 261.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުން ބުނެއެވެ. އަދި އެހެނިހެން ޚިދުމަތްތަކުން 15.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ވަނީ ލިބިފައެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީއަށްވުރެ ދަށް އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 660.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ވަނީ ލިބިފައެވެ. މޯބައިލް ޚިދުމަތްތަކުން 390.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަރޕްރައިސް ޚިދުމަތްތަކުން 255.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ވަނީ ލިބިފައެވެ. އަދި އެހެނިހެން ޚިދުމަތްތަކުން 14.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ލިބިފައިވެއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ސާފު ފައިދާ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށްވި ނަމަވެސް އެ ކުންފުނީގެ ހިންގުމުގެ ޚަރަދު ދެވަނަ ކުއާޓަރުގައި ކުޑަކުރެވިފައިވާކަމަށް ދިރާގުން ބުނެފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 299.1 މިލިއަން ރުފިޔާގައެވެ. ދެވަނަ ކުއާޓަރުގައި މި އަދަދު 283 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވާކަމަށް ދިރާގުން ވަނީ ބުނެފައެވެ.