ކ. މާލެ
|
17 މެއި 2017 | ބުދަ 23:50
މާޒިޔާގެ އުމެއިރު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
މާޒިޔާގެ އުމެއިރު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި
އަބަހާނީ އަތުން މާޒިޔާ މޮޅުވީ 0-2 ގެ ނަތީޖާއަކުން
12 ޕޮއިންޓާއެކު މާޒިޔާ އޮތީ ގްރޫޕްގެ އެއްވަނައިގައި
މާޒިޔާ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ އެއް މެޗުން

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ބަލިކޮށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު އަބަހާނީއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތެއް ދެޓީމުންކުރެ ޓީމަކަށްވެސް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް އަބަހާނީގެ ހާފަށް ބާރުބޮޑުކޮށް މާޒިޔާ އިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދަން މަސައްކަތްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާޒިޔާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އަބަހާނީގެ ގޯލަށް ނުރާއްކާކޮށް ލީޑު ނެގުމަށް ގިނަ ފުރުސަތުތައް ހޯދާފައެވެ. އެގޮތުން މާޒިޔާ އިން މެޗުގެ ލީޑު ނެގީ 59 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

މި ލަނޑަށްފަހުވެސް މާޒިޔާއަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެލެގްޒެންޑްރާ ރަކިޗަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފްގައި އަބަހާނީ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މާޒިޔާ އިން ވަނީ އޭގެ ފައިދާ ނަގާ އަބަހާނީ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ. މާޒިޔާ އިން ލީޑު ފުޅާކުރީ 85 ވަނަ މިނެޓުގައި ރަކިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ގްރޫޕްގެ ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އަބަހާނީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

- ކޮމެންޓް