ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަރުކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އަންގައިފިއެވެ.
އެކަން ހާމަކުރައްވައި, އެމަނިކުފާނުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ، އޯގަސްޓު މަހުގެ 3 ވަނަ ދުވަހު އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އާދީއްތަ ދުވަހު ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ. ޑރ. ޖަމީލް ވަނީ ކޮމިޝަން "ކުއްލިއަކަށް ހޭލައިފި" ކަމަށް ވިދާޅުވެ، އެއީ ފެއިލްވެފައިވާ ކޮމިޝަނެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި ރައީސް ޔާމީން އައްޑަނައަކަށް ހަދަމުން ގެންދާކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޑރ. ޖަމީލް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
ޑރ. ޖަމީލް ވަނީ ކޮމިޝަނުގެ މަސައްކަތްތަކަށް ފާޑުވިދާޅުވެ، ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ނުދާކަން ފާހަގަ ކުރައްވާފައެވެ. އަދި މިހާ ދުވަސްވެގެން ދިޔައިރު ކޮމިޝަން ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
މަރު ކޮމިޝަން އުފެއްދެވިތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްނުދާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. މި ކޮމިޝަނަކީ އަމިއްލައަށް ތަޙުޤީޤުކޮށް، ދައުވާ ކުރަން އެދި ފޮނުވުމުގެ ފުރިހަމަ ބާރު ލިބިގެން އުފައްދާފައިވާ ކޮމިޝަނެއް ނަމަވެސް، އަދި މިހާތަނަށް ކޮމިޝަނުން ބޮޑު މައްސަލައެއް ނިންމައި، އިންސާފު ހޯދައިދިނުމާ ގާތަށްވެސް މަސައްކަތް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުވެވަޑައިގަތުމަށް އަންގާފައިވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެންކަން ސާފެއް ނުވެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގޮތް ނޭނގޭ މަރުތަކާއި، މީހުން ރަހީނުކުރުން ފަދަ އެކި މައްސަލަތައް ފެންމަތިވެފައިވެއެވެ.