ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން މުޙައްމަދު އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން މިހާރު 31 އަހަރުގެ އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށް އައްޒާމް ބުނީ ޝުކުރު އަދާކުރަން ޖެހޭ ލިސްޓް ވަރަށް ބޮޑު ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ކެނދިކުޅުދޫ ރައްޔިތުންނާއި ސަޕޯޓަރުންނަށް ޝުކުރުއަދާކުރަން ބޭނުންވާ ކަމަށެވެ. އަދި ޚާއްސަކޮށް އޭނާގެ އާއިލާއަށް، އެގޮތުން މަންމަ އާއި ބައްޕައަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ފުޓްބޯޅަ ކެރިއަރު ފެށީ ބީޖީ ސްޕޯޓްސް ކުލަބުންނެވެ. ބީޖީއަށް އައްޒާމް ވަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ކުޅެދީފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އައްޒާމް ޓީސީއަށް ބަދަލުވިއިރު، އޭނާ އެންމެ ބޮޑަށް ވިދާލީ އެ ކުލަބުންނެވެ.
އައްޒާމް ވަނީ ޓީސީއާއެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ރާއްޖޭގެ ކުލަބަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ. އޭގެ އައްޒާމް ވަނީ ޓީސީއާއެކު 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ޓީސީގެ ތާރީޚުގައި އެ ޓީމުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ޓީސީން ވާދަކުރިއިރު، އެ ޓީމުގައިވެސް އައްޒާމް ހިމެނުނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އައްޒާމް އެންމެ ފުރަތަމަ ޖާގަ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެކުލަވާލި ސްކޮޑުންނެވެ. އެކަމަކު އެ މެޗުގައި އައްޒާމް ކުޅެފައެއް ނުވެއެވެ. އެކަމަކު އެ އަހަރުގެ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި އައްޒާމް ވަނީ ކުޅެފައެވެ. އެ މެޗުގައި އައްޒާމް ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ފުރަތަަމަ ޑިވިޝަންގެ ފުޓްބޯޅައިގެ އިތުރުން އައްޒާމް ވަނީ ނ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕް ޗެމްޕިއަންކަމާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.