ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 15:51
ޖުލައި 30 އަކީ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސްގެ ގޮތުގައި ފާހަގަކުރާ ދުވަސް
ޖުލައި 30 އަކީ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސްގެ ގޮތުގައި ފާހަގަކުރާ ދުވަސް
އެމްއެންޑީއެފް
އިންސާނީ ވަގުފާރި
އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް: ޑިފެންސް މިނިސްޓަރ
 
އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމަށް ވިދާޅުވި

އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްކަން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "ވަރލްޑް ޑޭ އަގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް 2021" ގެ މުނާސަބަތުގައި، ނެރުއްވި ބަޔާނެއްގައި މިނިސްޓަރ ވިދާޅުވީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންގެ ނިކަމެތި ހާލު ފާހަގަކުރައްވައި، އެކަމަނާ ވަނީ، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ރައީސް ޞާލިޙްގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.

"ވަރލްޑް ޑޭ އަގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް" ފާހަގަކުރުމަށް އ.ދ.އިން މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ. މިޝިއާރު ބިނާވެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިޙްސާސްތައް އިތުރަށް ދެނެގަނެ، އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ. އެހެންކަމުން، މިޝިޢާރަކީ، އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް، މަސްޢޫލުވެރި ވުޒާރައިގެ ޙައިސިއްޔަތުން، މިނިސްޓްރީ އޮފް ޑިފެންސުން ކުރަމުން ގެންދާ މަސައްކަތުގެ ރޫޙާ ގުޅޭ ޝިޢާރެއްކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އެ ރޮނގުން، މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ، ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން އެކުލަވައިލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕަރފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރުމަށްފަހު، މި މަހުގެ 1 ވަނަ ދުވަހު، ވޮޗްލިސްޓުން އުނިވެ، ޓިއަރ 2 އަށް ރާއްޖެވަނީ ޕްރޮމޯޓްވެފައެވެ. މި ރިޕޯޓާ ގުޅިގެން، އެމެރިކާ ސަރުކާރުން ބުނީ ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ކޯވިޑް-19ގެ ނުހަނު ދަތި އުނދަގޫ ހާލަތުގައި ވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާކަމެވެ. އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން ޙާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމުކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް