ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 17:09
ރެޔާންޝް ދާސް
ރެޔާންޝް ދާސް
ހިންދުސްތާނީ ޓައިމްސް
10 އަހަރުގެ ކުއްޖެއް ލިޔުނު އެސްޓްރޯފިޒިކްސް ފޮތް
10 އަހަރުގައި އެސްޓްރޯފިޒިކްސް ފޮތެއް! މިއީ އިންޑިއާގެ ޔަންގ ޝެލްޑަންތަ؟
 
މިފޮތަށް ކިޔަނީ "ދަ ޔުނިވަރސް: ދަ ޕާސްޓް، ދަ ޕްރެޒެންޓް އެންޑް ދަ ފިއުޗަރ"
 
މިފޮތަކީ ސައިންސާ އެސްޓްރޮފިޒިކްސްގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ފޮތެއް

އިންޑިއާގެ ކަލްކަތާއަށް އުފަން އުމުރުން އެންމެ 10 އަހަރުގެ ރެޔާންޝް ދާސް މިވަނީ އަމިއްލައަށް އެސްޓްރޮޕިޒިކްސްގެ ފޮތެއް ލިޔެ ޝާއިއުކޮށް މުޅި ދުނިޔެ ސިއްސުވާލާފައެވެ. "ދަ ޔުނިވަރސް: ދަ ޕާސްޓް، ދަ ޕްރެޒެންޓް އެންޑް ދަ ފިއުޗަރ" ގެ ނަމުން ނަންދީފައިވާ މި ފޮތަކީ ސައިންސާއި އެސްޓްރޮފިޒިކްސްގެ މުހިންމު ކަމުގެމައްޗަށް އަލިއަޅުވާލާފައިވާ ފޮތެކެވެ. މި ފޮތުގައި މަޝްވަރާކޮށްފައިވާ މައުލޫތަކުގެ ތެރޭގައި މިކައުނަށްވުރެ މާ ދުވަސްވީ ތަރިއެއްގެ ވާހަކަ ހިމެނެއެވެ.

ރެޔާންޝްގެ ފޮތުގައި 'ބިގް ބޭންގް ތިއަރީ: ބައިވަރު ކައުނުތަކާއި، މިކައުނުގައި އަދި ޖައްވުގައި އެންމެ ބާރަށް ދަތުރުކުރާ އެއްޗަކީ އަލި ކަމާއި ވަގުތު ދެމިގެންދާ ގޮތުގެ އިތުރުން އެއް ކައުނަށް ވުރެ ގިނަ ކައުނުތަކުގައި ދިރުން ފަދަ ކަންތައްތަކާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ. އަދި އެލްބަރޓް އެއިންސްޓެއިން އާއި އައިސަކް ނިއުޓަންގެ ތިއަރީތަކުގެ ތަފާތުތަކާއި ތަރި ތައް އުފެދި ނެތިގެންދާ ގޮތާއި ސޯލަރ ސިސްޓަމާއި ސްޓެލަރ ރެމްނެންޓްސް އަދި ސްޕޭސްޓައިމް އާއި ޑަރކް އެނަރޖީ އަދި ޑަރކް މެޓަރ ފަދަ ތަފާތު މައުލޫތަކުގެ ވާހަކަ ރެޔާންޝް ވަނީ އޭނާގެ ފޮތުގައި ހިމަނާފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ރެޔާންޝްއަށް ހުއްޓިފައިވާއިރު، ސްކޮލަރުންނާއި ފިޒިސްޓުން ވަނީ ރެޔާންޝްގެ ފޮތް ކިޔުމަށްފަހު އާޝޯހުވެފައެވެ. އެގޮތުން ރިސަރޗް ސްކޮލަރއެއް ކަމަށްވާ ނަންދިތާ ރަހާ ވަނީ ރެޔާންޝްގެ ފޮތުގައި އޭނާ ހިއްސާކޮށްފައިވާ ހިޔާލުތަކާއި މައުލޫމާތުތަކަކީ ވަރަށް ސާފު ވަރަށް ރަނގަޅު މައުލޫމާތުތަކެއް ކަމަށް ބުނެފައެވެ. މިފޮތް ކީ އާންމު މީހުން ރެޔާންޝްއަށް ތައުރީފްކޮށް އެފޮތަށް ވަރަށް ރަނގަޅު ފީޑްބެކްތައް ދީފައިވެއެވެ.

ރެޔާންޝްގެ މަންމަ ބުނެފައިވާ ގޮތުން ދަރިފުޅު ރެޔާންޝްގެ ޝައުގުވެރިކަން ޖައްވަށާއި ތަރިތަކަށް ހުއްޓިގެން ދިޔައީ އޭނާ ވަރަށް ކުޑައިރެވެ. އެގޮތުން އުމުރުން އެންމެ ފަސް އަހަރުގައި ތަރިތަކާއި ކައުނުގެ ވާހަކަދައްކަައި، އެކަންކަމާ މެދު ސުވާލުއުފައްދަން ފެށި ކަމަށް ރެޔާންޝްގެ މަންމަ ބުނެފައިވެއެވެ.

މީގެ އިތުރުން ރެޔާންޝް ބުނެފައިވަނީ އެންމެ ފުރަތަމަ ސުވާލުތައް އުފެދެން ފެށީ ރޭގަނޑު އުޑުމަތި ފެނުމުން ކަމަށެވެ. އަދި އުޑުގައި ދިއްލިފައި އެހުންނަ ކުދިކުދި ތިކިތަކަކީ އެއީ ކޯއްޗެއްތޯ ކަމާއި އެއީ ކިހިނެއް އުފެދުނު އެއްޗެއްގެ އިތުރުން ތިމަންނަމެން މިދާ ދުނިޔޭގައި މި ތިބީ ކީއްވެތޯ މިއީ އުފެދެން ފެށުނު ސުވާލުތަކެއް ކަމަށް ރެޔާންޝް ބުނެފައިވެއެވެ. އެގޮތުން މިސުވާލުތަކަށް ޖަވާބު ހޯދުމުގެ މަސައްކަތް ފަށައި ގިނަ ފޮތްތަކާއި ވީޑިއޯތައް ރެޔާންޝް ބަލަން ފެށިއެވެ.

ރެޔާންޝްގެ މަންމަ ކިޔާދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ ކިޔަން ފެށީ ޖައްވުގެ ތަފާތު ކަންކަމާ ގުޅުން ހުރި ފޮތްތަކެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އެސްޓްރޮނޮމީ އާއި އެސްޓްރޮފިޒިކްސްގެ ފޮތްތަކާއި ވީޑިއޯތައް ބަލަން ފެށިއެވެ. ތަފާތު ހިޔާލުތަކާއި މައުލޫމާތުތައް ވަރަށް އަވަހަށް ރެޔާންޝް ނަގައިގަންނަ ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ. އެގޮތުން އެންމެ ފުރަތަމަ ވާހަކަ ދެކެވެން ފެށީއްސުރެ ރެޔާންޝް ދިޔައީ މިފަދަ މައުލޫމާތަކުގެ ވާހަކަ ދައްކަމުން ކަމަށް އޭނާގެ މަންމަ ފާހަގަކުރެއެވެ.

އުމުުރުން އެންމެ ފަސް އަހަރުގައި އުފެދުނު މިޝައުގާއެކު ފިޒިކްސްގެ ތަފާތު ވާހަކަތައް ރެޔާންޝް ދައްކަމުން ދިޔައިރު، އެތިއަރީ ތަކުގެ މައުލޫމާތެއް މަންމަ އާއި ބައްޕައަށް ނޭނގުމުން، ރެޔާންޝް ގޮވައިގެން އެ ދެމަފިރިން ފިޒިކްސް އެކްސްޕާޓެއް ކައިރިއަށް ދިޔައެވެ. އަދި ރެޔާންޝް އެ ކިޔައިދެނީ ރަނގަޅު ވާހަކަތަކެއް ކަމަށް އެ އެކްސްޕާޓް ބުނިކަމަށް ރެޔާންޝްގެ މަންމަ ކިޔައިދިނެވެ. ރެޔާންޝްއަށް ލިބިފައިވާ މިހުނަރު އިތުރަށް ތަރައްގީކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ދަސްވާ ތިއަރީތަކާއި ހޯދޭ ހޯދުންތައް އެއްކޮށް ރައްކާކުރަން ފެށީ އުމުރުން އެންމެ 7 އަހަރުގައެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އޭނާގެ ހޯދުންތަކާއި ހިޔާލުތައް ވަނީ ނޯޓުކޮށް ރައްކާކޮށްފައެވެ.

ޖައްވީ ގިނަ މައުލޫމާތުތައް ރެޔާންޝްގެ ސިކުނޑީގައި ހުރިއިރު، އޭނާގެ މަސައްކަތުން ގިނަ ބަޔަކު ހައިރާންކުރުވާފައިވެއެވެ. އެގޮތުން ސްޕޭސް ޖާގަންތައް ޑީކޯޑް ކުރުމަކީ މާއުނދަގޫކަމަކަށް ރެޔާންޝް އަކަށް ނުވެއެވެ. މިކަން އުނދަގޫ ކަމަކަށް ނުވަނީ އޭނާގެ ޝައުގުވެރިކަން މިކަމަށް އިންތިހާއަށް ހުރުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. މި މަސައްކަތަށް އިތުރު ބާރެއް ލިބިގެން ދިޔައީ ކޮވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުވީ ހިސާބުންނެވެ. ވަގުތުގެ ބޭނުން ހިފައި ރެޔާންޝް އޭނާގެ އަމިއްލަ ފޮތް ލިޔަން ފެށިއެވެ. މިފޮތް ރެޔާންޝް ލިޔެފައިވަނީ އޭނާއަށް ލިބިފައިވާ މައުލޫމާތުތަކާއި ހޯދިފައިވާ ހޯދުންތައް ކަމާބެހޭ ބޭފުޅުންނާއި ހިއްސާކުރުމަށްފަހުއެވެ. މީގެ އިތުރުން ދެވަނަ ފޮތެއް ލިޔުމުގެ ހިޔާލު މިހާރު އޭނާ ގެންގުޅެއެވެ. އެ ފޮތުގެ މައުލޫއަކަށް ވެގެންދާނީ މެތަމެޓިކްސް ކަމަށް ވެސް ރެޔާންޝް ބުންޏެވެ.

"ދަ ޔުނިވަރސް: ދަ ޕާސްޓް، ދަ ޕްރެޒެންޓް އެންޑް ދަ ފިއުޗަރ" ފޮތް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ރެޔާންޝް ހުރީ ކެތްމަދުވެފައެވެ. ބޮޑުވެގެން އެސްޓްރޮނޯޓަކަށް ވާން ބޭނުންވާ ރެޔާންޝް ޖައްވަށް ގޮސް ޖައްވު ބަލައި އައު ޕްލެނެޓްތައް ހޯދުމުގެ މަސައްކަތް ކުރުމަކީ އޭނާގެ ހުވަފެނެކެވެ. އަދި މާސް އާއި ހަނދުގައި މީހުން ވަޒަންވެރިވާތަން ދެކެން އޭނާ ބޭނުންވެއެވެ. ނަމަވެސް ސަރުކާރުން އެކަން ކުރާނެކަމާ މެދު ސުވާލު އުފެދޭތީ މާސް އާއި ހަނދުގައި މީހުންނަށް ވަޒަންވެރިވެ ދިރިއުޅެވޭނެ ގޮތް ހެދުމުގެ މަސައްކަތް އޭނާ އަމިއްލަ އަށް ކުރާނެ ކަމަށް ރެޔާންޝް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް