ޖަނަވަރީ 2013ވަނަ އަހަރު ޗައިނާގެ ވެރިކަން ކުރާ ޕާޓީ ކަމުގައިވާ ކޮމިއުނިސްޓް ޕާޓީން ބޭއްވި ކޮންގްރެސްގައި ގައުމު ހިންގާނެ ގޮތްތަކުގެ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. ކޮންގްރެސްއަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ސިޔާސީ އިސްފަރާތްތަކާއި ބައްދަލުކުރައްވައި ރޯސީ ކޮމިއުނިސްޓް ޕާޓީ ރޫޅުނު ގޮތަކީ ކޮބައިތޯ އައްސަވާފައެވެ.
މި ސުވާލު ޝީ ޖިންޕިންގ ކުރެއްވި އިރުވެސް އެމަނިކުފާނު އަތްޕުޅުގައި ޖަވާބު އޮތެވެ.
ނުވަ އަހަރު ފަހުން މިއަދަށް ބަލައިލި ކަމުގައި ވިޔަސް 2013ވަނަ އަހަރުގެ ކޮންގްރެސްގައި ނިންމި ކަންކަން ހުރީ އެގޮތަށެވެ. އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައިނުވާއިރު، މިއީ ޝީ ޖިންޕިންގގެ ކޮމިއުނިސްޓް ޕާޓީން ރޯސީ ކޮމިއުނިސްޓް ޕާޓީ އޮތް ހިސާބަށް ދާނެ ކަމަށް ބެލެވޭ ކަންކަމެވެ.
ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީއެއްގެ ހައިސިއްޔަތުން ޝީ ޖިންޕިންގ ވަނީ ކޮމިއުނިސްޓް ޕާޓީއަކީ ޗައިނާގެ ހިތް ކަމުގައި ހައްދަވާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް ޕާޓީ ތެރޭގައި ކޮންމެސް ވަރެއްގެ ހިތްހަމަ ނުޖެހުންތަކެއް އެބަހުއްޓެވެ. ޕާޓީގެ ބާރުތައް ވަރުގަދަ ކުރުމުގެ ގޮތުން ޝީ ޖިންޕިންގ އެޅުއްވި ފިޔަވަޅުތަކުގައި އެމަނިކުފާނުގެ އަމިއްލަފުޅު ބާރު ގަދަކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކެއްވެސް އެބަހުއްޓެވެ.
އެއާއެކު ސިޔާސީ ގޮތުން ފުންނާބު އުސް ފަރާތްތަކުގެ ފާޑުކިޔުން ޝީ ޖިންޕިންގއަށް އަންނަނީ ކުރިމަތި ކުރަމުންނެވެ.
ކޮމިއުނިސްޓް ޕާޓީގައި އާންމު މެމްބަރުން ތަމްރީން ކުރުމަށް ހަރަކާތްތެރިވި ކުރީގެ ޕްރޮފެސަރ ސިއޭ ޝިޔާ ވިދާޅުވީ ޝީ ޖިންޕިންގ ވަނީ ޕާޓީގެ އޯގަނައިޒޭޝަން މަރާލާފައި ކަމަށެވެ. އަދި ޕާޓީގެ 95 މިލިއަން މެމްބަރުންނަކީ ޝީ ޖިންޕިންގގެ އަޅުންގެ ގޮތުގައި ގެންގުޅޭ ބައެއް ކަމަށް ޝިޔާ ވިދާޅުވިއެވެ.
ޗައިނާގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ޝީ ޖިންޕިންގގެ ބާރުތައް އަވަސް މުސްތަގުބަލެއްގައި ދޫނުކުރައްވާނެ ކަމަށް ބުނެފައެވެ. ސަބަބަކީ ޝީ ޖިންޕިންގ ބާރުތައް ދޫކޮށްލައްވައިފިނަމަ އެމަނިކުފާނުގެ ވާދަވެރިން އެންޓި ކޮރަޕްޝަންގެ މައްސަލަތަކާއި, މަނީ ލޯންޑަރިންގެ މައްސަލަ ތަކުގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކެއް ބައްލަވަން ފައްޓަވާނެތީއެވެ.