ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 19:37
ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން އާއެކު ގައުމީ ޓީމުގެ އޮފިޝަލުން
ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން އާއެކު ގައުމީ ޓީމުގެ އޮފިޝަލުން
އެފްއޭއެމް
ގައުމީ ޓީމަށް ބަދަލުތަކެއް ގެނައުން
ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބަދަލުވުން އެކަށީގެންވޭ: ބައްސާމް
 
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން
 
ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ވިދާޅުވި
 
ކޮލިފައިންގެ ފަހު ތިން މެޗުން ރާއްޖެއަށް ލިބުނީ އެންމެ ޕޮއިންޓެއް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި މި ވަގުތު މަސައްކަތްކުރަމުން އަންނަނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަންއެވެ. އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަނީ ނެދަލެންޑްސްގެ ރެނޭ ހިޑިންކާއި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭނެވެ. ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޫޕްމަން ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ މިދިޔަ ޖޫން މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ފަހު ތިން މެޗު ކުޅެފައެވެ.

އެގޮތުން ކޮލިފައިންގައި ސީރިއާ އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ކޮލިފައިންގެ ފަހު މެޗުން ރާއްޖެ ވަނީ ފިލިޕީންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މިއީ ތާރީޚުގައި ފިލިޕީންސް އަތުން ރާއްޖެއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ.

މި ފަހަރުގެ ކޮލިފައިންއަށް ތައްޔާތުރުވުމަށް ގައުމީ ޓީމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތަމްރީނު ހެދުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ދުބާއީގައި ގައުމީ ޓީމުން ކޭމްޕްކުރި ނަމަވެސް، މެޗުތަކަށް ތައްޔާރުވާން ގައުމީ ޓީމަށް ލިބުނީ މަދު ދުވަސްކޮޅެކެވެ.

ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބުނުއިރު، މި މެޗުތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ކުޅުވި މަގާމުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ކޯޗަށް ފާޑުކިޔާފައެވެ. އެކަމަކު ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އަބަދުވެސް ގައުމީ ޓީމު ބަލިވެއްޖެނަމަ އެންމެންގެ ފާޑުކިޔުން އަންނާނެ ކަމަށާއި، އެކަން އެގޮތަށް ވަނީ ގިނަ ބަޔަކު އެންމެ ލޯބިކުރާ ކުޅިވަރަކީ ފުޓްބޯޅަ ކަމުގައި ވާތީ ކަމަށެވެ. އެކަމަކު ގައުމީ ޓީމު ކުޅުވާނެ ސްޓައިލެއް އިނގޭނީ އޭރަކު ހުންނަ ކޯޗަކަށް ކަމަށާއި، އެހެންކަމުން އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ހާއްސަ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކަނޑައަޅާފައިވާ މިސްރާބަށް ވާސިލުވުމަށް ގައުމީ ޓީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެގޮތުން މިއީ އެކަންކަމަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތު ކަމަށެވެ. އަދި އެންމެ ރަނގަޅު މީހުން ގޮވައިގެން ކަންކަން ކުރުމަށް ރާވާއިރު، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު އެ ނިންމުންތައް ނިންމާނީ އެފްއޭއެމުގެ ޓެކްނިކަލް ކޮމިޓީން ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބައްސާމް ވިދާޅުވިއިރު، ގައުމީ ޓީމުގެ މިހާރުގެ ކޯޗު އުމުރުން 64 އަހަރުގެ ކޫޕްމަން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްބަސްވުން އާކޮށްފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކޮލިފައިންގެ ފައިނަލް ބުރުން ރާއްޖެއަށް ވަނީ ފުރުސަތު ލިބިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކުޅުނު އަށް މެޗުން ހަތް ޕޮއިންޓް ހޯދައިގެން ރާއްޖެއަށް ހަތަރުވަނަ ލިބުނު ނަމަވެސް، 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ރާއްޖެއަށް ފުރުސަތު ލިބުނީ އޭއެފްސީން ކަނޑައެޅި އައު ރޭންކްތަކަށްފަހުއެވެ.

މިހާރު އޮތް ގޮތުން އޭޝިއަން ކަޕްގެ ކޮލިފައިންގެ ފައިނަލް ބުރުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. އަދި އެ ގްރޫޕުތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން ދެ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް