އިންޓަރ އޮފީސް ކޮމްޕެނީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (އެމްވައިއެސް) އިން ހޯދައިފިއެވެ.
ޔޫތު މިނިސްޓްރީން މި ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓު 2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 23-25 އިން ކާމިޔާބުކުރީ ޔޫތު މިނިސްޓްރީންނެވެ. އެހެން ނަމަވެސް ޕޮލިހުން ވަނީ މެޗުގެ ދެވަނަ ސެޓުގައި މޮޅު ކުޅުމަކާއެކު 18-25 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ތިންވަނަ ސެޓު 16-25 އިން ޔޫތު މިނިސްޓްރީން ކާމިޔާބުކުރި އިރު، ޖެހިގެން އައި ހަތަރުވަނަ ސެޓު 13-25 އިން ކާމިޔާބުކޮށް ޕޮލިހުން ވަނީ މެޗު ގަދަ ހިފުމަކަށް ގެންގޮސްފައެވެ. އެގޮތުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި ޔޫތު މިނިސްޓްރީން ވަނީ ތަފާތު މޮޅު ކުޅުމަކާއެކު 09-15 އިން މިސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު މިނިސްޓްރީގެ އައިޝަތު ނާޒިމާއެވެ.
މި މެޗަށްފަހު އޮފީސް ކޮމްޕެނީ ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނާއި ނޭޝަނަލް ވުމަންސް ވޮލީ ލީގުގެ އިތުރުން ޖޫނިއާ ވޮލީ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނާއި ޗެމްޕިއަން އަދި ރަނަރަޕް ޓީމުތަކަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްފައެވެ.
އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ކަސްޓަމްސްގެ ފާތިމަތު ޝިފާޒާ އާއި އާމިނަތު ޒީނާ އާއި އެމްވައިއެސްގެ ހައްވާ މުޒްނާ އާއި ޕޮލިސް ކްލަބުގެ ލީލާ ހާމިދާއި އާމިނަތު ޝާތިރާ އަދި ހަމްނާ ހަސަން އަލީ ދީދީ އެވެ.
މި ޑިވިޝަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ޔޫތު މިނިސްޓްރީގެ އައިޝަތު ނާޒިމާ ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށްވެސް ހޮވުނީ އެ ޓީމުގެ ކޯޗު އިސްމާއިލް ރިފާއު (ޗިޗޫ) އެވެ.