އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފިއެވެ.
މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާނެ ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނިޒޭޝަން ޕްރޮގްރާމުގެ އޮފިސަރ ނާޝިޔާ އަބްދުލްޣަފޫރު ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް ފެށުމުގެ ކުރިން ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ދޫކުރަން އެޗްޕީއޭއިން ވަނީ ފަށާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ވެކްސިން ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށާއި އެޕޮއިންޓްމަންޓް ހެއްދުމަށް އެމީހަކާ ބެހޭ ތެދު މައުލޫމާތު ބޭނުންވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޕޮއިންޓްމަންޓް ހަމަޖެހުމުން އެކަމުގެ ލިޔުން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށާއި، އެޕޮއިންޓްމަންޓުގެ 15 މިނެޓު ކުރިން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ސެންޓަރަކަށް ދާންޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.