ކ. މާލެ
|
28 ޖުލައި 2021 | ބުދަ 19:32
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ
ގެޓީ އިމޭޖަސް
ލެވަންޑޯސްކީ ބަޔާނުގައި މަޑުކުރުން
އެއްބަސްވުން ހަމަވަންދެން ލެވަންޑޯސްކީ ބަޔާނުގައި މަޑުކުރާނެ
 
ލެވަންޑޯސްކީގެ އެއްބަސްވުން ހަމަވާނީ 2023 ގެ ޖޫން މަހު
 
ޗެލްސީން އަންނަނީ ލެވަންޑޯސްކީ ގަތުމަށް މަސައްކަތް ކުރަމުން

އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބަޔާން މިއުނިކުގައި މަޑުކުރާނެ ކަމަށް އެ ކުލަބުގެ ރައީސް ހާބާޓް ހައިނާ ވިދާޅުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ މި ވަގުތު ބަޔާނުގެ އެއްބަސްވުމުގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑުގެ ބަދަލުގައި ލެވަންޑޯސްކީ ގަންނަން ޗެލްސީން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އުމުރުން 20 އަހަރުގެ ހާލަންޑް ގަތުމަށް ޗެލްސީން އެންމެ ފުރަތަމަ މަސައްކަތްކުރި ނަމަވެސް، މި ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން ހާލަންޑުގެ ބަދަލުގައި ލެވަންޑޯސްކީ ހޯދަން ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނައިރު، ލެވަންޑޯސްކީގެ އޭޖެންޓާއެކު ޗެލްސީން މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ލެވަންޑޯސްކީ ގަތުމަށް ޗެލްސީން 42 މިލިޔަން ޔޫރޯ ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބަޔާނުގެ ރައީސް ހާބާޓް ހައިނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލެވަންޑޯސްކީ ބަޔާނުގައި މަޑުކުރާނެ ކަމަށެވެ. އެހެންކަމުން އައު ފޯވާޑެއް ހޯދުމަށް ބަޔާނުން މަސައްކަތް ނުކުރާ ކަމަށްވެސް ހައިނާ ވަނީ ވިދާޅުވެފައެވެ.

ވަންޑޯސްކީ ހޯދަން ޗެލްސީން މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަކީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. އެގޮތުން މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ 41 ލަނޑު ޖަހައި، ކުރީގެ އެއްވަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. އެ ފަހަރު މުލާ 40 ލަނޑު ހަމަކުރިއިރު، އޭނާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ 29 މެޗުންނެވެ. މީގެ އިތުރުން ލެވަންޑޯސްކީ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދާފައެވެ.

މީގެ ކުރިން ޑޯޓްމުންޑަށްވެސް ކުޅުނު ލެވަންޑޯސްކީ ބަޔާނާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 329 މެޗުގައި 294 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް