ކ. މާލެ
|
17 މެއި 2017 | ބުދަ 19:19
ޕާކިސްތާނުން ހައްޔަރު ކުރުމަށްފަހު މަރަން ހުކުމްކޮށްފައިވާ ކުލްބުޝާން ޖަދާވް
ޕާކިސްތާނުން ހައްޔަރު ކުރުމަށްފަހު މަރަން ހުކުމްކޮށްފައިވާ ކުލްބުޝާން ޖަދާވް
ގޫގުލް
ޖާސޫސް ކުލްބުޝާން
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
އިންޑިއާ އިން ބުނަނީ އޭނާ ރަހީނުކުރީ ކަމަށް
ޕާކިސްތާނުން ބުނަނީ ޖާސޫސް ކުރިކަމަށް އެއްބަސްވާ ވީޑިއޯ ހުރިކަމަށް
ބައިނަލް އަގުވާމީ ކޯޓުން ވަނީ މަރުގެ ހުކުމް މަޑުޖައްސުވާފަ

ޕާކިސްތާނުން ހައްޔަރުކޮށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވްގެ މައްޗަށް އިއްވާފައިވާ ހުކުމްތަންފީޒް ކުރެވޭ ގޮތެއް ނުވިއެވެ.

 

ޕާކިސްތާނުން ކުލްބުޝާން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގައި އެގައުމާއި ދެކޮޅަށް ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކުލްބުޝާން ހައްޔަރުކޮށް ހިންގުނު ތަހްގީގަށްފަހު، ޕާކިސްތާނާ ދެކޮޅަށް ޖާސޫސް ކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވީ އޭޕްރިލް މަހުގެ ތެރޭގައެވެ.

 

ޝަރީއަތުގެ މަޖްލީހުގައި ކުލްބުޝާންގެ މައްޗަށް ކުށްސާބިތުވުމުން އޭނާ މަރަން ހުކުމްކުރިއެވެ. އަދި ޖާސޫސް ކުރިކަމަށް އޭނާ އެއްބަސްވާ ވީޑިއޯއެއް ޕާކިސްތާނުން އާއްމުކުރިއެވެ. ޖާސޫސްގެ ނަމުން މަޝްހޫރުވެފައިވާ ކުލްބުޝާންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކުރެވޭގޮތް ނުވީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އެކަން ހުއްޓުވުމުންނެވެ.

 

ބައިނަލް އަގްވާމީ ކޯޓުން އެކަން ހުއްޓުވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެ މައްސަލަ އިންޑިއާގެ ފަރާތުން އެކޯޓަށް ހުށަހެޅުމުންނެވެ. އިންޑިއާގެ އިން ބުނެފައިވަނީ ޖަދާވް، 46، ގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދިފާއުވެވޭނެ ފުރުސަތު ނުދީ ކަމަށެވެ. އަދި އޭނާ ވަނީ "ކިޑްނެޕް" ކޮށްފައި ކަމަށް އިންޑިއާ އިން ބުނެއެވެ.

 

ދަ ހޭގުގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅަމުން އިންޑިއާ އިން ބުނެފައިވަނީ ޕާކިސްތާނުން ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސްއާ ޚިލާފުވެފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނެފައި ވަނީ ޔަދާވް ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް 3 ވަނަ ދުވަހު ބަލޮޗިސްތާނުން ކަމަށެވެ.

 

ޕާކިސްތާނުން ބުނެފައި ވަނީ ޖަދާވްގެ މައްޗަށް ޝަރީއަތް ހިންގާ ހުކުމް އިއްވާފައި ވަނީ އަސްކަރީ ކޯޓެއްގައި ކަމަށެވެ. އިންޑިއާ ޕާކިސްތާނަކީ އަބަދުވެސް އެއްގައުމުން އަނެއްގައުމާއި މެދު ޖާސޫސް ކުރުމުގެ ތުހުމަތުތައް ކުރަމުންދާ ދެ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް