ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 16:43
2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު
2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު
އިމޭޖަސް.އެމްވީ
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ކުރާ ބިޑުގައި ލަންކާ ނުހިމަނާނެ
 
މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު
 
ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ، އިންޑިއާ އަދި ނޭޕާލް ޝައުގުވެރިވޭ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެއިން ކުރާ ބިޑުގައި ސްރީ ލަންކާ ނުހިމަނާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި މުބާރާތް ވަނީ މި އަހަރަށް ފަސްކޮށްފައެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮންލައިންކޮށް ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި، އޭގެ އިތުރުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕަށް ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން، ބަންގްލަދޭޝްއިން ވަނީ މުބާރާތް ބޭއްވުމުގެ ވިސްނުން ދޫކޮށްލާފައެވެ.

އެއާއެކު ދާދި ފަހުން ބޭއްވި ސާފްގެ ބައްދަލުވުމެއްގައި މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލުމާއެކު ރާއްޖެ އާއި، އިންޑިއާ އަދި ނޭޕާލުން ވަނީ މުބާރާތް ބާއްވަން ބޭނުންވާ ކަމަށް ބުނެފައެވެ. މި ބައްދަލުވުމުގައި ވަނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށާއި، އަންނަ އޮކްޓޯބަރު މަހުގެ ކުރީ ކޮޅުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ވިދާޅުވީ މިހާރު ވިސްނުމަކީ ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުން ކަމަށާއި، އެކަމަކު އެކަމަށް މަސައްކަތް ފެށޭނީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ލަންކާއާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވިފައިވާ ކަމަށާއި، އެފަދަ ފުރުސަތެއް އޮތް ނަމަ ބައިވެރިވާން ތައްޔާރަށް އޮތްކަން ލަންކާއިން ހާމަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ ފަސް ގައުމަކުން ކަމަށާއި، އެހެންކަމުން ރާއްޖެއިން ދެން ބިޑް ކުރާނީ މުބާރާތް ރާއްޖޭގައި އެކަނި ބޭއްވުމަށް ކަމަށެވެ. އަދި ރަސްމީ ބިޑް އަންނަ ހޮނިހިރު ދުވަހު ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސާފް ސަރަހައްދުގައި ހަތް ގައުމެއް ހިމެނޭއިރު، ކޮވިޑާ ގުޅިގެން މި ފަހަރުގެ މުބާރާތުގައި ވާދަނުކުރަން ބޫޓާނުން ވަނީ ނިންމާފައެވެ. އަދި ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މި ފަހަރުގެ މުބާރާތުގައި ވާދަނުކުރެވޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާ ގައުމެއް އަދި ކަނޑައެޅިފައި ނުވާއިރު، އެންމެ ފަހުން މި މުބާރާތް ބޭއްވީ ބަންގްލަދޭޝްގައެވެ. ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެއެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް