އަތޮޅުތެރޭގައި ހުރި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިހާރަތަކުން ރަށްރަށަށް އެއްވެސް ފައިދާއެއް ނުކުރާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވަނީ އަތޮޅުތެރޭގައި އެސްޓީއޯގެ 13 ފިހާރައެއް މިހާރު އެބަހުރި ކަމަށާއި އެފިހާރަތައް ރަށްރަށުގައި ހުރުމުގެ ސަބަބުން އެ ރަށްރަށުގެ އާމްދަނީ އިތުރު ނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ފިހާރަތަކުން ވިޔަފާރިވުމުން ލިބޭ އާމްދަނީ އަނބުރާ އަންނާނީ މާލެ އަށް ކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން އެ ރަށްރަށުގެ ވިޔަފާރިވެރިންނަށް ފައިދާ ނުކުރާކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އަމްރު ވިދާޅުވީ އެސްޓީއޯގެ މަގުސަދަކީ ރަށްރަށުގައި ތިބޭ ވިޔަފާރިވެރިންނަށް ފައިދާ ވާނެހެން ވިޔަފާރިކުރުން ކަމަށެވެ. އަދި އިޤުތިޞާދު ކުރިއަރައިގެން ދާނީ ރަށަށް ލިބޭ އާމްދަނީ ރަށުން ބޭރު ނުވެ ރަށުގައި ދައުރުވާން ފެށުމުން ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މުދާ ވިއްކުމުގެ ފުރުސަތު ދިނުމުން ރަށުގެ އާމްދަނީ އިތުރު ވެގެންދާނެ ކަމަށް އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް އެސްޓީއޯގެ ކާޑު އެޖެންޓުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރެވިފައިވާ ކަމަށާއި ކޮންމެ ރަށެއްގައި މަދުވެގެން ދެ އެޖެންޓުން ނުހުންނަ ރަށެއް މިހާރު މަދުވާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ވުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށާއި މީގެ ސަބަބުން ހެޔޮ އަގުގައި މުދާ ގަނެ ރަށުގައި މުދާ ވިއްކުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އަމްރު ވަނީ މިކަމުގެ ސަބަބުން އެޖެންޓުންނަށް ރަށުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެސްޓީއޯ އިން މަސައްކަތްކުރަނީ އެފަދަ ވިޔަފާރިތައް ކުރިއަރުވަން ކަމަށާއި އޭގެ ފައިދާ އެ ވިޔަފާރިތަކުގެ އިތުރުން އެސްޓީއޯ އަދި މުޅި ރާއްޖެއަށް ވެސް ކުރާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.