ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޝާހިދު ބަލްގޭރިއާއަށް ކުރައްވާ މި ދަތުރުފުޅަކީ، އދ. އާއްމު މަޖިލީހުގެ 76 ވަނަ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. ޖުލައި 27ން 29ށް މިނިސްޓަރ ޝާހިދު ބަލްގޭރިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އދ.ގެ އިންތިޚާބީ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނު ބޭރު ޤައުމަކަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ސިލްސިލާގެ ދަށުން އެމަނިކުފާނު އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ ވަނީ ޖުލައި 22ން 24ށް އަވައްޓެރި އިންޑިއާއަށެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ބަލްގޭރިއާގެ ފޮރިން މިނިސްޓަރ ސްވެލްޓަން ރިސްޓޯވް ސޓޯވްއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެ ޤައުމުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރާ ވެސް ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ބަލްގޭރިއާ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފަތުރުވެރިކަން ހިމެނޭހެން ގިނަ ދާއިރާތަކަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އަމާޒު ހިއްޕަވާނެ ދާއިރާތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޝާހިދާއެކު މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިސަލްއާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ތަރޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައިގަންނަވައެވެ.