ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 12:42
ކުލަބު އީގަލްސްއާ ގުޅުނު ސެންޓޭ، ބަކާ އަދި އީސަ
ކުލަބު އީގަލްސްއާ ގުޅުނު ސެންޓޭ، ބަކާ އަދި އީސަ
ރާއްޖެ އެމްވީ
އީގަލްސްއިން ކުޅުންތެރިން ގެނައުން
ސެންޓޭ، ބަކާ އަދި އީސަ އީގަލްސްއަށް
 
މި ތިން ކުޅުންތެރިންވެސް ވަނީ މީގެ ކުރިން އީގަލްސްއަށް ކުޅެފައި
 
ޓީމު ވަރުގަދަ ކުރުމަށް އީގަލްސްއަށް އިތުރު ކުޅުންތެރިންވެސް ގެންނާނެ

ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާޢީލް އީސަ (މެސީ) ކުލަބު އީގަލްސްއާ ގުޅިއްޖެއެވެ.

މި ތިން ކުޅުންތެރިން އީގަލްސްއާ ގުޅުނުއިރު، އެ ޓީމުން އަންނަނީ އަންނަ އޯގަސްޓް މަހު ކުޅުމަށް ނިންމާފައިވާ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ބަކާ އާއި އީސަ ވަނީ އާދީއްތަ ދުވަހު އީގަލްސްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އީގަލްސް އޮފިޝަލަކު ބުނީ ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް ހަތް ބަދަލު ގެނެވޭ ކަމަށާއި، އެހެންކަމުން އެ މެޗުގައި ކުޅެން ސެންޓޭ، ބަކާ އަދި އީސަ އެ ޓީމާ ގުޅިފައިވާ ކަމަށެވެ. އަދި އެހެން ކުޅުންތެރިން ގެނެސްގެންވެސް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަޙްމަދު (ޝާފީ) ވެސް އެ ޓީމާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕަށް ސެންޓޭ އީގަލްސްއާ ގުޅުނުއިރު، މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ކުލަބު ވެލެންސިއާއަށެވެ. މީގެ ކުރިންވެސް އީގަލްސްއަށް ކުޅުނު ސެންޓޭ އެ ޓީމާ ގުޅުނުއިރު، ސެންޓޭ ވަނީ ވެލެންސިއާގެ އިތުރުން އޭވައިއެލް އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. އަދި ސެންޓޭ ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

ދެން އީގަލްސްއާ ގުޅުނު ދެ މިޑްފީލްޑަރުން ކަމަށްވާ ބަކާ އާއި އީސަ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށެވެ. އަދި އެ ދެ ކުޅުންތެރިން ވަނީ މީގެ ކުރިންވެސް އީގަލްސްއަށް ކުޅެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް އަދިވެސް ކުޅެމުން އަންނަ ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އައިލެންޑް އެފްސީން 2004 ވަނަ އަހަރު ވިދާލި ބަކާ ވަނީ ޔޫވީ އާއި އީގަލްސްގެ އިތުރުން ކުލަބު ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓަރީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ މިޔަންމާ ލީގުގައި ވާދަކުރި ކޭބީޒެޑަށްވެސް އެއް އަހަރު ކުޅެފައެވެ.

މީގެ އިތުރުން އީގަލްސްއާ ގުޅުނު އީސަ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން އީސަ ވަނީ ޔޫވީ އާއި އީގަލްސްގެ އިތުރުން ވީބީ އައްޑޫ އެފްސީ އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑްރެކްރިއޭޝަނަށްވެސް ކުޅެފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް އީގަލްސްއިން ކުރަމުން އަންނައިރު، ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް