ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 10:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އޮފީސް
ރާއްޖޭގެ މިނިވަން ދުވަސް
ހަރުކަށި ފިކުރާއި ދީނަށް ޖޯކު ޖެހުން، އެއްވެސް ހަމައެއްގައި ބަލައެއް ނުގަންނަން: ރައީސް
 
މި ދެ މައްސަލައިގެ ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން
 
މި ދެ މައްސަލައަކީ އެއްވެސް ހާލެއްގައި ދިވެހި މުޖުތަމައުގައި އޮވެގެން ނުވާނެ ދެ މައްސަލަ
 
އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ، މުޖްތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް

ރާއްޖޭގައި ހަރުކަށި ފިކުރާއި ދީނަށް ޖޯކު ޖެހުން، އެއްވެސް ހަމައެއްގައި ބަލައެއް ނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ގައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަންކަމާއި ޞުލްޙައާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެ ވިސްނުން ފަތުރައި ޢާންމުކުރުމަށް ދިވެހިންގެ ތެރެއިން ބަޔަކު މިހާރު ވަރަށް ފާޅުގައި މަސައްކަތްކުރާ ކަމަށް ފާހަގަކުރައްވައި، މިއީ، މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނުގެ ނަމުގައި، ގައުމުގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް ކަމަށާއި އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އެއީ އިންސާނީ މުޖްތަމަޢެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުއިން، ވަކިން ޚާއްޞަކޮށް ބައެއް އިސްލާމީ ޤައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޞްލަކީ، މި ދެންނެވި ހަރުކަށި ފިކުރީ އޮއިވަރަށް އެ ޤައުމުތަކުގައި ޖާގަ ދެވިފައި އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއިން ކޮންމެ ޤައުމެއްގައި ވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތައް ކަމަށާއިި އޭގެ ފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރު ކަމަށާއި މިއަދު އެއިން ކޮންމެ ޤައުމަކީ، މިނިވަންކަމާއި ޞުލްޙަޔާއި ހަމަޖެހުން ގެއްލިފައި އޮތް ޤައުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖްތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް ކަމަށާއި މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކު ވެސް އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ދެ މައްސަލައަކީ އެއްވެސް ހާލެއްގައި ދިވެހި މުޖުތަމަޢުގައި އޮވެގެން ނުވާނެ ދެ މައްސަލަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މުޖްތަމަޢު ބައިބައިކުރާ މިފަދަ މައްސަލަތައް ގައުމުގައި އޮތްހާ ހިނދަކު، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށާއި އެފަދަ ހާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެ ނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެހެން ނަމަވެސް، މި ދެ މައްސަލައިގެ ހަމައެކަނި ހައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށެވެ. އަދި ތުއްތު ކުދިން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، އެކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެ ނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ ކަމަށާއި އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ހައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން ކަމަށާއި ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ، ރާއްޖޭގައި މަޛްހަބީ ތަފާތެއް ނެތުމުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަޞްރަކީ، މިދެންނެވި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާކަމަށް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
17%
83%
0%
0%
0%
0%
ކޮމެންޓް