ފާއިތުވި 30 އަހަރު ދުވަހުގެ ޗައިނާއިން ޓިބެޓަށް ވަޑައިގަތް ފުރަތަމަ ވެރިއަކަށް ރައީސް ޝީ ޖިންޕިންގ ވެވަޑައިގެންފިއެވެ.
ޝީ ޖިންޕިންގ ޓިބެޓަށް ދަތުރުފުޅެއް ކުރެއްވީ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހަށެވެ. އެހެންނަމަވެސް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ރައީސްގެ ދަތުރުފުޅުގެ މައުލޫމާތު ހިއްސާކޮށްފައިވަނީ ދަތުރުފުޅު ނިމުނު ފަހުންނެވެ. ޓިބެޓުގެ ދީނީ އަދި ސަގާފީ މިނިވަން ކަމަށް ހުރަސް އަޅާކަމަށް ޗައިނާ ސަރުކާރަށް ތުހުމަތުކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޗައިނާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކޮށް ބުނީ ޗައިނާ ސަރުކާރުގެ ދަށުގައި އޮވެ ޓިބެޓް ވަރަށް ބޮޑަށް ތަރައްގީވަމުންދާ ކަމަށެވެ.
އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން އާންމުކުރި ވީޑިއޯއިން ދައްކާ ގޮތުގައި ރައީސް ޝީ ޖިންޕިންގ ޓިބެޓުން ފުރާވަޑައިގަންނަވާ މަންޒަރު ފެނިގެންދާއިރު ވަރަށް ގިނަ އަދަދެއްގެ މީހުން ތިބީ ޗައިނާގެ ދިދަ ހިފައިގެން، ކާބަފައިންގެ ދައުރުސުރެ ބޭނުންކުރާ ހެދުންތައް އަޅައިގެންނެވެ. ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ޝީ ޖިންޕިންގ ވަނީ އެ ގައުމުގައި ކާބަފައިންގެ ޒަމާނުން ފެށިގެން ކުރަމުންދާ މަސައްކަތްތަކާއި އެ ގައުމުގެ ސަގާފަތް ހިމާޔަތް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ބައްލަވާ ލައްވާފައެވެ.
ޗައިނާ އިން ބޭރުގައި ދިރިއުޅުމެންދާ ޓިބެޓްގެ މީހުން ބުނަމުންދަނީ އެމީހުން ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ކުރީގެ ސަގާފަތް ނެތިދަނީ ބެއިޖިންގެ ސަބަބުންނެވެ. އަދި މިކަމާއި ގުޅިގެން މީގެ ކުރިން އެތައް މުޒާހަރާތައް ވެސް ވަނީ ކޮށްފައެވެ.
ޗައިނާގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރޭގައި ރަސްމީކޮށް ޓިބެޓަށް ވަޑައިގެންނެވި ރައީސް އަކީ ޖިއަންގ ޒެމިންއެވެ. އެމަނިކުފާނު ޓިބެޓަށް ވަޑައިގެންނެވީ 1990 ވަނަ އަހަރުގައެވެ.
ބައެއް ކެމްޕެއިން ގްރޫޕުތަކުން ބުނަނީ ސިޔާސީ އަދި ދީނީ ގޮތުން ޗައިނާއިން ނުފޫޒު ފޯރުވަމުންދާ ކަމަށާއި ޗައިނާ އިން އިންސާނީ ހައްގުތަކަށް ވެސް އަރައިގަންނަ ކަމަށެވެ.