ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް)އިން ސެލްފް ސަރވިސް ޝެޑަކާއެކު ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ހާމަކުރައްވައިފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަސަމް ވިދާޅުވީ މިހާރު ގާއިމުކޮށްފައިވާ ޝެޑަކުން ސެލްފް ސަރވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އައު ޝެޑު ގާއިމްކުރުމުގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑެއް ސެލްފް ސަރވިސްގެ ޚިދުމަތް ދެވޭގޮތަށް ބަދަލުކުރެވިގެން ދާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.
އޭގެ އިތުރުން މިއަހަރުގެ ކުރިއަށް އޮތް ތަނުގައި 2 މަދަރ ވެސަލް މަރާމާތުކުރަން ޖެހޭކަމަށާއި އެ މަރާމާތަށް ކޮލަންބޯގެ ބޯޓްޔާޑަށް ގެންދިއުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ގަސަމް ވިދާޅުވެފައެވެ. ރާއްޖޭގައި މިހާރު 18 ބާޖު ވާކަމަށާއި އެ ހުރިހާ ބާޖަކީވެސް ކޮންމެ 2 އަހަރަކުން އެއް އަހަރު ބޯޓްޔާޑަށް ގެންދެވި މަރާމާތު ކުރެވޭ ބާޖުތަކެއްކަމަށް ގަސަމް ވިދާޅުވިއެވެ.
ގަސަމް ވަނީ އެންމެ ފުރަތަމަ މަގާމާ ހަވާލުވެވަޑަގަތްއިރު މާލޭގައި ޒަމާނީ ޕެޓްރޯލް ޝެޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދިއަ ކަމަށާއި މަގާމާއި ހަވާލުވެވަޑައިގެން އެމަސައްކަތް ކުރިއަށް ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި ޝެޑުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެ، މިހާރު ކުރެހުންތައް ކުރަހައި، ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އެފްއެސްއެމްގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ މުވަށްޒަފުން ހޭލުންތެރިކުރުމަށް ތަފާތު ޓްރެއިންނިންތައް ކުރިއަށް ގެންދާކަމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުންފުނިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމަށް ގަސަމް ވަނީ ފާހަގަކުރައްވާފައެވެ.
ސްޓޭޓް ޓްރޭޑިން އޯގައިނޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމް އިން ދަނީ ގްރޭޓަރ މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައިވެސް ތެލުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.