ކ. މާލެ
|
23 ޖުލައި 2021 | ހުކުރު 12:44
ފަތުރުވެރިން
ފަތުރުވެރިން
3ވީ ޕްރޮގްރާމް
"3ވީ ޕްރޮގްރާމް" ތާވަލުކުރެވިފައިވާ ގޮތަށް ފެށިގެންދާނެ - މައުސޫމް
 
ވެކްސިން ޖެހުމަކީ ވިޔަފާރީގެ އުސޫލުން ކުރަން އެއްވެސް ވަރަކަށް ހިތްވަރުދޭ ކަމެއް ނޫން
 
80 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި
 
97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި

ރާއްޖޭގެ "3ވީ ޕްރޮގްރާމް" (ވިޒިޓް، ވެކްސިނޭޓް، ވެކޭޝަން ޕްރޮގްރާމް) ތާވަލުކުރެވިފައިވާ ގޮތަށް ތިން ވަނަ ކުއާޓާގެ ފަހުކޮޅު ނުވަތަ ހަތަރު ވަނަ ކުއާޓާގެ ކުރީ ކޮޅު ފެށިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ މިދޭތެރެއިން ވެކްސިން ޖެހުމުގައި ލަސްތަކެއް އައި ނަމަވެސް ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން މިހާރު ވެކްސިނޭޝަން ޕްރޮގްރާމް މިދާ ރޭޓުން ބަލާނަމަ ތާވަލުކުރެވިފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހައި ނިމި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން ބާކީ ހުންނަ ވެކްސިން، ވެކްސިން ޓޫރިޒަމަށް ބޭނުން ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި ޖެހުމުގެ ހުއްދަ ދީފައިވާ ވެކްސިންގެ ޑޯޒްތައް ރިސޯޓްތަކުގައި ލިބެން ހުންނާނެ ގޮތަށް ވެކްސިންގެ ސްޓޮކްތައް ހޯދުމުގެ މަސައްކަތް ބައެއް އޮޕަރޭޓަރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ވެކްސިން ޖެހުމަކީ ވިޔަފާރީގެ އުސޫލުން ކުރަން އެއްވެސް ވަރަކަށް ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް އެމީހުން ބޭނުންވާ ކުންފުންޏެއްގެ ވެކްސިން ޖެހުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އައުމަށް ހިތްވަރުދީ ރާއްޖެ އައުމުން އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރަން ވިސްނާފައިވާ ކަމެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ މުވައްޒަފުން މިހާރު ވެކްސިން ޖަހައި ނިމެނީ ކަމަށާއި އާންމު ރައްޔިތުން ވެކްސިން ޖަހާ ނިމުމުން 3ވީ ޕްރޮގްރާމް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއާއެކު ދުނިޔޭގެ އެންމެ ބޮޑަށް ވެކްސިނޭޓެޑް ގައުމަށް ރާއްޖެ ބަދަލުވެގެން ދިއުމުން، ވެކްސިން ނެތި ރާއްޖެ އައުމަށް ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ގައުމުތަކުން ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުން ރާއްޖެ ވަރަށް އަވަހަށް އުނިކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަަތުގައި މަސައްކަތްކުރާ 80 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ޖުލައި 22ގެ ނިޔަލަށް ރާއްޖޭގެ މުޅި އާބާދީގެ 320،991 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 260،281 މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ.

މިނިސްޓްރީން ދަނީ ރިސޯޓްތަކާއި ގެސްޓް ހައުސް، ސަފާރީ އަދި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިންޖެހުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. މީގެ އިތުރުން ޓްރެވަލް އެޖެންސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސިނާއަތުގައި މަސައްކަތްކުރާ ފަންނާނުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް އިސްކަންދޭނީ ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސެޕްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އިސްކަމެއް ދެއެެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ފަތުރުވެރިކަމަށް ހެދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް