ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 17:04
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
އެފްއޭއެމް
ސަރަހައްދީ މުބާރާތެއްގައި ވާދަކުރުން
ސަރަހައްދީ މުބާރާތެއްގައި ގައުމީ ޓީމު ވާދަކުރަނީ
 
ލަންކާ، ރާއްޖެ އަދި އިތުރު ދެ ގައުމެއް މުބާރާތުގައި ވާދަކުރާނެ
 
އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2018 ވަނަ އަހަރު

ސްރީ ލަންކާއިން އިންތިޒާމުކުރާ ސަރަހައްދީ މުބާރާތެއްގައި ވާދަކުރަން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ނިންމައިފިއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަދިވެސް އަމާޒަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށެވެ. އެގޮތުން ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ކުޅޭއިރު، އެ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ގިނަ މެޗުތަކެއް ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ މަހަކު މަދުވެގެން ގައުމީ ޓީމުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެވޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެކަމަށް ޕްލޭންތައް ހަދަމުން އަންނައިރު، ލަންކާގައި އެ ގައުމާއި ރާއްޖެ އަދި އިތުރު ދެ ގައުމެއް ވާދަކުރާ މުބާރާތެއްގައި ބައިވެރިވުމުގެ ދައުވަތު ނުރަސްމީ ގޮތެއްގައި ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މުބާރާތުގައި ބައިވެރިވާނެ ކަމަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މި މުބާރާތް ބޭއްވުމަށް ލަންކާއިން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި، މި މުބާރާތުގައި ކުޅެވޭ މެޗުތައް ވެގެންދާނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަކަށް ކަމަށް ބައްސާމް ވިދާޅުވިއެވެ. އެހެންކަމުން މި މެޗުތަކާއެކު ފީފާ ރޭންކިންގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު ރާއްޖެއަށް އޮންނާނެ ކަމަށާއި، އަދި މި މެޗުތައް ވެގެންދާނީ ގައުމީ ޓީމަށް ރަނގަޅު ތަމްރީނުތަކެއް ހެދުމަށް ލިބިގެންދާ މެޗުތަކަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އަނެއްހެން މާ ވަރުގަދަ މުބާރާތަކަށް ނުވާނެ. އެހެންނަމަވެސް މި ކަހަލަ ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުންހިފަން އަޅުގަނޑު ބޭނުން އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ ކޮލިފައިންއަށް ޓީމު ތައްޔާރުކުރުމަށްޓަކާ. އެހެންވެ އެ ބޭނުމުގައި އަޅުގަނޑުމެން މި މުބާރާތުގައި ބައިވެރިވާނީ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ގިނަ މެޗުތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ގައުމީ ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު، އެ މެޗުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ރާއްޖެއަށް ފުރުސަތު ލިބިފައިވާއިރު، މި ފަހަރުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކުޅުނު އަށް މެޗުން ހަތް ޕޮއިންޓް ހޯދައިގެން ރާއްޖެއަށް ލިބުނީ ހަތަރުވަނައެވެ. ރާއްޖެއާއެކު ހަތަރުވަނައިގައި ނިންމި ގައުމުތައް ކަމަށްވާ ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްޣާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީލަންކާވެސް ވަނީ ކޮލިފައިންގެ ފައިނަލް ބުރުގައި ހިމެނިފައެވެ.

މިހާރު އޮތް ގޮތުން އޭޝިއަން ކަޕްގެ ކޮލިފައިންގެ ފައިނަލް ބުރުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. އަދި އެ ގްރޫޕުތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން ދެ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
0%
50%
0%
0%
0%
ކޮމެންޓް