ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 15:51
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރާއްޖެ އެމްވީ
ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް
ކޮންމެ ނިންމުމެއްގައި ވެސް ހިއްސާދާރުންގެ ލަފާ ހޯއްދަވާ ވަޒީރު
 
ވިޔަފާރިތަކާއި މުވައްޒަފުން ތަމްސީލުކުރާ ޖަމިއްޔާ ޖަމާއަތްތައް މުހިންމު
 
ސިނާއަތުގެ ހިއްސާދާރުންނާއެކު ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ބައްދަލުވުންތައް ބާއްވާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުޅި ހަޔާތުގައިވެސް ކުރިމަތިލާން ޖެހުނު އެންމެ ތަފާތު އަހަރަކީ 2020 ވަނަ އަހަރެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން ސިނާއަތް އެއްކޮށް ހުއްޓި، އޮޑި ބަންޑުން ޖަހާލާ ހިސާބުގައި އޮއްވާ އޮޑީގެ ހުންގާނާ ހަވާލުވެޑައިގަތީ ޑރ. އަބްދުﷲ މައުސޫމެވެ. ހުންގާނުގައި ހިއްޕެވި ހިސާބުން އެންމެ ހިމދުކޮޅެއްވެސް ބޭކާރުކޮށްނުލައްވާ އޮޑި ފެންމަތީ ހިފަހައްޓަވައި މުޅިން އައު މަންޒިލަކަށް ދަތުރު ފެއްޓެވިއެވެ. އޮޔާ ވަޔާ ދެކޮޅަށް ދަތުރުކުރަމުންދާއިރު، ފަޅުވެރިންގެ ލަފަޔާ ނުލާ އެންމެ މީޓަރެއްވެސް ކަޑައްތު ނުކުރައްވައެވެ. ހުންގާނުގާ ހުންނެވޭތީ ބޭނުންފުޅުވާ މިސްރަބާކަށް، ބޭނުންފުޅުވާ ބާރުމިނެއްގައި ދަނީއެއް ނޫނެވެ. ބޯޓު ދަތުރުކުރަނީ ހުރިހާ ފަޅުވެރިން ބޭނުންވާ މަންޒިލަށް، ބޭނުންވާ ބާރުމިނުގައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހުއެވެ. ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެޑައިގެންނެވީ އެއަހަރުގެ އޮގަސްޓް މަހުއެވެ. ހަވާލުވެވަޑައިގެންނެވި އިރު ބަލިމަޑުކަމެއްގެ ތެރޭގައި ސިނާއަތް ހިންގުމައްޓަކައި ނިންމަންޖެހޭ ގިނަ ނިންމުންތަކެއް ހުރީ ނުނިމިއެވެ. ރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ނުގެއްލޭނެހެން ކަންކަން ބައްޓަންކޮށް މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ. އެތައް މުވައްޒަފުންނެއް ނޯޕޭ ލީވަށް ފޮނުވާލައި އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލިފައި ވަނިކޮށް އެކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އަދި ހުއްޓިފައިވާ ސިނާއަތުގެ ވިޔަފާރިތައް އަލުން ހިންގޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްވެސް ކުރަންވަން ޖެހިވަޑައިގެންނެވިއެވެ.

މިއިން ކޮންމެ ކަމަކީވެސް ސިނާއަތުގެ ހިއްސަދާރުންނާ ގުޅިފައިވާ ކަންތައްތަކެވެ. މިކަންތައްތައް ހައްލުކުރަން އުސޫލުތަކަކާއި ގަވައިދުތަކެއް ހައްދަވައި އާންމުކުރުމުގެ ފުރުސަތު މިނިސްޓަރަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެގޮތަށް އެކަން ކުރައްވަން މިނިސްޓަރ މައުސޫމް ބޭނުންފުޅެއް ނުވިއެވެ. ބޭނުންފުޅުވީ އެކުލަވާލާ ކޮންމެ އުސޫލަކީ އަދި އާންމުކުރާ ކޮންމެ ގަވައިދަކީ ސިނާއަތުގެ ހިއްސާދާރުންގެ ލަފަޔާއެކު އެކުލަވާލާ އާންމުކުރެވޭ ކަންކަމަށް ހެދުމަށެވެ. ރާއްޖެއަށް ފަތުރުވެރިން ގެނައުމާއި، ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ރާވާ އިންތިޒާމުކޮށް ކުރިއަށް ގެންދިޔައީ ހިއްސާދާރުންގެ މަޝްވަރާއާއިއެކުގައެވެ. ރިސޯޓްތަކާއި ސަފާރީތައް އަދި ގެސްޓް ހައުސްތަކާއި ހޮޓާތައް އަލުން ހުޅުވާލައި ޚިދުމަތް ދިނުމުގެ ކަންކަން ރާވާލައި އުސޫލުތައް އެކުލަވާލީ ހިއްސާދާރުންގެ މަޝްވަރާ ހޯއްދެވުމަށްފަހުއެވެ. ހިއްސާދާރުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވުމުގެ މަސައްކަތް ކުރެއްވުމުގައި އެއްވެސް ވަރުބަލިކަމެއް ނުދައްކަވައެވެ. މުވައްޒަފުންގެ ޝަކުވާތައް އަޑު އައްސަވާ އެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދިނުމުގެ މަސައްކަތް ގެންދަވަނީ ކެނޑިނޭޅި ކުރައްވަމުންނެވެ.

ސިނާއަތުގެ ހިއްސާދާރުންނާއެކު ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ބައްދަލުވުންތައް ބާއްވަމުންދާއިރު، މިނިސްޓަރ މައުސޫމް ވަނީ ސިނާއަތުގެ ތަފާތު ވިޔަފާރިތަކާއި މުވައްޒަފުން ތަމްސީލުކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައި ޖަމިއްޔާތަކާއި އެކު ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ވާހަކަ އެތައް ފަހަރު މަތިން ވިދާޅުވެފައެވެ. ޖަމިއްޔާތަކާއެކު މަސައްކަތްކުރުމުން ކަންތައްތައް ހާސިލުކުރަން ފަސޭހަ ކަމަށާއި އަމާޒަކީ ކުރިއަށް އޮތްތާގައި ޖަމިއްޔާތަކާއެކު މިހާރަށްވުރެވެސް ގާތުން މަސައްކަތްކޮށް އިތުރު ކާމިޔާބީތައް ހާސިލުކުރަން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ޖަމިއްޔާތައް އުފެދިފައިނުވާ ހިއްސާދާރުންގެ ޖަމިއްޔާތައްވެސް އުފެދި، އެކުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތްފަހުން އަދި އެއް އަހަރުވެސް ނުފުރެއެވެ. ނަމަވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބަލާލުމުން އެތައް އަހަރެއްގެ މަސައްކަތުގެ މަންޒަރު ފެނިގެންދެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު އުޖާލާވެގެންދާނެ ކަމުގެ ހެޔޮ ފާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
0%
50%
ކޮމެންޓް
23 ޖުލައި 2021 | ހުކުރު 01:54
ބަކުރީޒް
ޑރ. މައުސޫމަކީ މިދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައި ހުންނެވި ބޭފުޅެއް. މަޖިލީހުގައި ކެލާ ދާއިރާ ތަމްސީލު ކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަންނަވަންދެން ހުންނެވީ ސަން އައިލޭންޑްގެ ޖެނެރަލް މެނޭޖަރަކަށް. މިއީ ކަމަށް ޤާބިލު ތައުލީމާއި ތަޖުރިބާ ހުރި މީހުން މަގާމުތަކާއި ހަވާލުވީމަ ފެންނަ ގޮތަކީ.. ޓޫރިޒަމް ނަގާ ކޮޅަށް ޖެއްސެވީ ބަހަނާ ނުދައްކަވައި ރަށްތަކާއި ފަޅުތައް ވިއްކާލައްވައިގެނެއް ނޫން.. ޑރ. މައުސޫމް ކަހަލަ ވަޒީރުން ދެން ތިބި މިނިސްޓްރީތަކުގައިވެސް ތިބޭނަމަ މިގައުމު ކުރިޔަށް ދާނީ ރަނގަޅަށް