ކ. މާލެ
|
23 ޖުލައި 2021 | ހުކުރު 15:58
މާފުށީގެ ގެސްޓް ހައުސްއެއް
މާފުށީގެ ގެސްޓް ހައުސްއެއް
މޯލްޑިވްސް މެގަޒިން
ގެސްޓް ހައުސްތަކަށް ދިވެހިންގެ ޑިމާންޑު
މިފަހަރު ގެސްޓް ހައުސްތައް ފުރާލީ ދިވެހިން
 
އެއް ރަށުގެ ގެސްޓް ހައުސްތައް ފުރުމުން ކައިރި އެހެން ރަށެއްގެ ގެސްޓް ހައުސްއަކުން ބުކިން ހެއްދި
 
ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ހަމައެކަނި ފަތުރުވެރިންނަށް ބަރޯސާވާކަށް މިހާރު ނުޖެހޭ
 
އެއް ފަހަރަށް ވުރެ ގިނަ ފަހަރު މިގޮތަށް އެއް ރަށަކަށް ދަތުރުކޮށްފައިވާ ދިވެހިން އެބަ ތިބި

ރާއްޖޭގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށިގެންދިޔައީ ރަށު ފަތުރުވެރިކަން ތައާރަފުކޮށް މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތް ކުރަން ފެށުމުންނެވެ. ގެސްޓް ހައުސްތައް އިމާރަތްކޮށް ތަރައްގީކުރަން ފެށީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ވިސްނުމުގައެވެ. ނަމަވެސް ގެސްޓް ހައުސްތަކަށް ފަތުރުވެރިންގެ މެދުގައި އުފެދިގެން ދިޔަ ޝައުގާއެކު ދިވެހިންގެ މެދުގައި ވެސް އެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ރަށްރަށަށް ޒިޔާރަތްކުރާ އިރު، އެރަށެއްގައި ރައްޓެހި ތިމާގެ ނުވަތަ ދަންނަ ބަޔަކު ނެތްނަމަ ގެސްޓް ހައުސްއަކުން ބުކިން ހައްދައިގެން ރަށްރަށަށް ޒިޔާރަތްކުރާ ފެށިއެވެ.

ގެސްޓް ހައުސްތަކަށް މާލެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ޑިމާންޑު އުފުލި ހަފްތާ ބަންދުގައި ކައިރި ރަށްރަށުގެ ގެސްޓް ހައުސްތަކަށް ބުކިން ހައްދައިގެން ދަތުރުކުރަން ފެށިއެވެ. ކ. އަތޮޅުގެ ރަށްތަކަކީ ގެސްޓް ހައުސް ވިޔަފާރީގައި ވަރަށް ކުރިއަރާފައިވާ ރަށްތަކަކަށް ވާއިރު، މި ރަށްރަށަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނެކޭ އެއް ގޮތަށް، އެ ރަށްރަށަށް ޒިޔާރަތްކުރަން ބޭނުންވާ އެތައް ދިވެހިންނެއް ވެސް އުޅެއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު މިގޮތަށް އެއް ރަށަކަށް ދަތުރުކޮށްފައިވާ ދިވެހިން އެބަ އުޅެއެވެ.

މާލޭގެ ހަލަބޮލި މާހައުލުން ސަލާމަތްވުމަށް ސިޓީގައި ދިރިއުޅޭ ދިވެހިން ކުރަމުންދިޔަ ދަތުުރުތަކަށް ހުއްޓުމެއް އައީ ކޮވިޑް-19ގެ ސަބަބުންނެވެ. ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު އެތައް މަހެއް ވަންދެން މާލޭގެ ރައްޔިތުންނަށް ދަތުރު ނުކުރެވި މި ހަލަބޮލި ސިޓީގައި ތާށިވެގެން ދިޔައެވެ. ލޮކްޑައުނަކަށް ފަހު ލޮކްޑައުނެއް މާލޭގެ ރައްޔިތުން ތަހައްމަލު ކުރަން ޖެހުނު އިރު، އެޅި ފިޔަވަޅުތަކާއެކު މާލެއިން ހުޅުމާލެއަށް ނުދެވުނު ދުވަސްކޮޅެއް ވެސް ދިޔައެވެ.

މިހާ ދިގު މުއްދަތަކަށް މާލެ ސަރަހައްދުން ބޭރަށް ނުދެވި ތާށިވެފައި ތިބި ރައްޔިތުންނަށް މިފަހުން ލިބުނު އެންމެ އުފާވެރި ޚަބަރަކީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ލުއި ދިން ޚަބަރެވެ. ވެކްސިނޭޝަން ޕްރޮގްރާމް ފެށި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވުމުން ކަރަންޓީން ވުމަކާ ނުލައި މިހާރު ދަތުރުކުރެވެއެވެ. އަދި މި ލުއިތައް ދެވިގެން ދިޔައީ ބޮޑު އީދާއި ޖުލައި 26 އާ ދިމާކޮށް ކަމުން އެތައް ބަޔަކު ފޮށި ތައްމަތި ހިފައިގެން ދަތުރުތައް ފެށިއެވެ.

ކޮވިޑް-19 އާއެކު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކޮށްފައިވާއިރު، ފަތުރުވެރިންނާ އެއް ވަރަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގެސްޓް ހައުސްތަކުން ދިވެހިން ބުކިން ހައްދައި ދަތުރުތައް ކޮށްފައިވާއިރު، މި ފަހަރުގެ މި އީދުގައި މާލެ އާއި ކައިރި ރަށްރަށުގެ ގެސްޓް ހައުސްތައް ފުރާލާފައި ވަނީ ދިވެހިންނެވެ. ރަށްރަށުގެ ގެސްޓް ހައުސްތައް ފުރި އެތައް ބަޔަކަށް ބުކިން ނުހެއްދި ދިޔައެވެ. އެއް ރަށުގެ ގެސްޓް ހައުސްތައް ފުރުމުން ކައިރި އެހެން ރަށެއްގެ ގެސްޓް ހައުސްއަކުން ބުކިން ހެއްދި އެތައް ބަޔަކު އެބަ ތިއްބެވެ.

މިހާރު ގެސްޓް ހައުސްތަކަށް ޑިމާންޑު މިއޮތީ ފަތުރުވެރިންގެ މެދުގައި އެކަންޏެއް ނޫނެވެ. ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތްކުރަމުންދާ އިރު، ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ހަމައެކަނި ފަތުރުވެރިންނަށް ބަރޯސާނުވެ ޑޮމެސްޓިކް ޓޫރިޒަމާއެކު ތަރަައްގީކުރެވެން އޮތްކަން މިހާރު މިއޮތީ ފެންނާށެވެ. ޗުއްޓީ ހޭދަކޮށްލަން ބޭރު ގައުމުތަކުގެ ހިތްގައިމު ތަންތަނަށް ޒިޔާރަތްކުރުމުގެ ބަދަލުގައި ރާއްޖޭގައި ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމުތައް ގާއިމުކޮށް، ޗުއްޓީ ހޭދަކޮށްލެވޭނެ މަގުފަހިވެގެން ގޮސްފިނަމަ ރާއްޖޭގައި ދިވެހިން ކުރާ ދަތުރުތައް އިތުރުވެގެންދާނެކަން މިއަދު މިވަނީ ފެނިގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
67%
0%
0%
ކޮމެންޓް