ކ. މާލެ
|
21 ޖުލައި 2021 | ބުދަ 19:36
ވެކްސިން ލިބުން މަދުވުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެކްސިންގެ ޑޯޒުތައް އެއްކުރުމުގެ ހުއްދަ ޕަބްލިކް ހެލްތް އޮފް އިންގްލެންޑުން ވެސް ދީފައިވޭ
ވެކްސިން ލިބުން މަދުވުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެކްސިންގެ ޑޯޒުތައް އެއްކުރުމުގެ ހުއްދަ ޕަބްލިކް ހެލްތް އޮފް އިންގްލެންޑުން ވެސް ދީފައިވޭ
ރޮއިޓަރސް
ކޮވިޑް-19ގެ ވޭރިއަންޓުތަކާއި ވެކްސިން
ކޮވިޑްގެ ތަފާތު ދެ ވެކްސިނަކުން ދެ ޑޯޒް ހަމަކުރުމުން ބަލިން ދިފާއުވުމުގެ ފުރުސަތު ބޮޑުތަ؟
 
ދެ ވެކްސިނުން ޖުމްލަކޮށް ވަރުގަދަ އިމިއުނިޓީއެއް ލިބޭ ކަމަށް ދިރާސާތަކުން ހާމަވޭ

ކޮވިޑް-19ގެ ބިރުވެރިކަން ދުނިޔެއަށް ކުރިމަތިވެ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ބޮޑެތި ގައުމުތަކުގައި ބަލި ފެތުރި މުޅި ދުނިޔެއަށް ސިހުމާއި ބިރުވެރިކަން ގެނުވި ހިސާބުން ކޮވިޑުން ދިފާއުވުމަށް 160ށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ފެށުނެވެ. އިސާހިތަކު ވެކްސިންތައް ވުޖޫދުވެ، ގައުމުތަކުގެ ހިންގުން އެއަށް ބަރޯސާ ވެގެން ދިޔައެވެ. އަދި ބަލިން އަރައިގަތުމަށްޓަކައި ވެކްސިން ދިނުމުގެ ކެމްޕެއިންތައް ފަށައި އެއްގައުމު އަނެއް ގައުމަށްވުރެ ވެކްސިނުގެ ރޭހުގައި ކުރިހޯދޭތޯ މަސައްކަތް ފެށިއެވެ.

ނަމަވެސް ކޮވިޑްގެ އިތުރު ވޭރިއަންޓްތައް އުފެދި ވެކްސިނާއި ކޮވިޑް ވޭރިއަންޓުތަކުގެ މިރޭހުގައި ވެކްސިން ކުރީގައި އޮތުމަށްފަހު އަނެއްކާވެސް ވެކްސިން ފަހަތަށް ވައްޓާލުމަށްފަހު ވޭރިއަންޓްތައް ކުރިއަށް ޖެހިލައިފިއެވެ. އޭގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވަނީ ވިދާޅުވެފައެވެ. ބައެއް ގައުމުތަކުން މީގެ ކުރިން ނުފެންނަ ކަހަލަ ބޮޑެތި ރާޅުތަކެއް ފެނި، ކޭސްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ގިނަވެފައިވާ އިރު ވެކްސިން ޖަހާފައިވާ މީހުންނަށް ވެސް ބަލި ޖެހެމުންދާ ކަމަށް ދަނީ ރިޕޯޓު ކުރެވެމުންނެވެ. ކޭސްތަކުގެ އަދަދު އިތުރުވެފައިވަނީ ވޭރިއަންޓްތަކުގެ ސަބަބުންނެވެ. ފާއިތުވި އޭޕްރީލްމަހު އިންޑިއާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާ ބޮޑު ވޭރިއަންޓްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

މިއާއެކު މި ވޭރިއަންޓާ ދެކޮޅަށް އަނެއްކާވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް ސައިންވެރިންނަށް މަޖުބޫރުވެގެން ދިޔައެވެ. މިކަން ކުރުމަށްޓަކައި ބައެއް ގައުމުތަކުގައި ދެ ޑޯޒު ފުރިހަމަ ކުރަންޖެހޭ ވެކްސިން ފުރިހަމަ ކުރުމުގައި ދެ ވެކްސިނަކުން ވެކްސިނުގެ ޑޯޒުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފެއްޓިއެވެ.

އޮކްސްފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރ މެތިއު ސްނޭޕް 800ށް ވުރެ ގިނަ ވޮލަންޓިއަރުންނާއެކު ހެދި ދިރާސާއެއް ދައްކާގޮތުން އެސްޓްރަޒެނިކާ ވެކްސިނާއި ފައިޒާ ވެކްސިންގެ ޑޯޒުތައް "އެއްކުރެވިދާނެ"އެވެ. އެގޮތުން އެސްޓްރަޒެނިކާގެ ފުރަތަމަ ޑޯޒު ޖަހާފައި ފައިޒާގެ ދެވަނަ ޑޯޒު ޖެހިދާނެ ކަމަށާއި ފައިޒާގެ ފުރަތަމަ ޑޯޒު ޖަހާފައި އެސްޓްރަޒެނެކާގެ ދެވަނަ ޑޯޒު ޖެހިދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތަށް ވެކްސިން ޖެހޭނީ ފުރަތަމަ ޑޯޒު ޖަހާތާ ހަތަރު ހަފުތާގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިގޮތަށް ވެކްސިނުގެ ޑޯޒުތައް އެއްކުރުމާ ގުޅޭ ދިރާސާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރަމުން އަންނައިރު އޭގެ ސަބަބުން ކުރާ އަސަރުތައް ވެސް ދަނީ ދިރާސާ ކުރަމުންނެވެ. ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި މިގޮތަށް ދެ ވައްތަރެއްގެ ވެކްސިނަކުން ޑޯޒުތައް ފުރިހަމަ ކޮށްފިނަމަ ކޮވިޑުން ދިފާއުވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ކުރާ މަސައްކަތް އިތުރެވެ. އަދި ދެ ވެކްސިނުން ވަކިވަކިން ޖުމްލަކޮށް ދޭ އިމިއުނިޓީއަށް ވުރެ ވަރުގަދަ އިމިއުނިޓީއެއް ލިބޭ ކަމަށް މި ދިރާސާތަކުން ހާމަވެއެވެ.

މީގެ އިތުރުން ޖަރުމަނުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެސްޓްރަޒެނިކާ ވެކްސިންގެ ދެ ޑޯޒު ޖެހުމަށްވުރެ، އެސްޓްރަޒެނެކާގެ އެއް ޑޯޒު އަދި ފައިޒާގެ އެއް ޑޯޒު ޖެހުމުން ހަށިގަނޑުގައި އެންޓިބޮޑީ އިތުރުކޮށްދެއެވެ. އަދި ފައިޒާގެ ދެ ޑޯޒް ޖެހުމާ ހަމަހަމަ ނުވަތަ އެއަށް ވުރެ ބޮޑަށް ކޮވިޑުން ދިފާއު ކޮށްދޭ ކަމަށް ވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މިގޮތަށް ވެކްސިން އެއްކުރަމުންދާ ގައުމުތަކަށް ބަލާއިރު ބަހްރައިނާ، ބޫޓާން، ކެނެޑާ، ތައިލެންޑްގެ އިތުރުން ވެސް ބައެއް ގައުމުތަކުގައި އަންނަނީ ތަފާތު ދެ ވެކްސިނަކުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރަމުންނެވެ. ވެކްސިން ލިބުން މަދުވުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެކްސިންގެ ޑޯޒުތައް އެއްކުރުމުގެ ހުއްދަ ޕަބްލިކް ހެލްތް އޮފް އިންގްލެންޑުން ވެސް ދީފައިވެއެވެ.

މާޗު މަހުގެ ތެރޭގައި އިންގްލެންޑްގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރަޒެނެކާ ވެކްސިން ޖަހައިގެން ލޭގަނޑުވުމުގެ މައްސަލަތަކެއް ފެންމަތިވުމާއެކު ބައެއް އިތުރު ގައުމުތަކުން ވެސް ވަނީ ވެކްސިންގެ ޑޯޒުތައް އެއްކުރުމުގެ ހުއްދަ ދީފައެވެ. މިކަމާ ގުޅިގެން ސެޕިއެންޒާ ޔުނިވަރސިޓީ އޮފް ރޯމްގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރ ގްލޯރިއާ ޓަލިއާނީ ވިދާޅުވެފައިވަނީ މިގޮތަށް ވެކްސިންގެ ޑޯޒުތައް އެއްކުރުމަކީ މީގެ ކުރިން އެހެން ބަލިބައްޔަށް ފަރުވާ ދިނުމުގައިވެސް ކޮށްފައިވާ ކަމެއް ކަމަށެވެ.

ވެކްސިނުގެ ޑޯޒުތައް އެއްކުރުމާ ގުޅޭ ގޮތުން މެއި މަހުގެ ތެރޭގައި 600 ވޮލަންޓިއަރުންނާއެކު ސްޕެއިނުން ވެސް ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ވެސް ހާމަވެފައިވާ ގޮތުގައި މިގޮތަށް ވެކްސިން އެއްކުރުމުން ކުރާ އަސަރު އިތުރެވެ. އަދި މިގޮތަށް ވެކްސިން ޖެހުމުގައި ފުރަތަމަ އެސްޓްރަޒެނެކާ ޖެހުމަށްފަހު ދެވަނައަށް ފައިޒާގެ ޑޯޒު ޖެހުމުން ކުރާ އަސަރު ވެސް އިތުރެވެ. ނަމަވެސް ބައެއް ސައިންސްވެރިން ހާމަކުރައްވާ ގޮތުގައި އެކަށީގެންވާ ވަރަށް ޑާޓާ ނެތުމުގެ ސަބަބުން މިއީ އެންމެ އެދެވޭ ކަމެއްކަން ކަށަވަރު ކޮށް ޔަގީންކަން ދިނުމަކީ ސައިންސްގެ އުސޫލުތަކާ ޚިލާފު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް