ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އުފައްދައި ހުޅުވާފައި ވަނީ 2019 ވަނަ އަހަރުގެ މާޗު 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ ހުޅުވުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެސްއެމްއީ ބޭންކުގެ ޚިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ޤައުމީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށާއި، މިއީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިނަކޮށް ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދަން ދަތިވާނެ ކަމަށާއި އެސްއެމްއީ ބޭންކެއް އުފެއްދުމުގެ މަޤްސަދަކީ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ވިޔަފާރި މާޙައުލުގައި ހަރަކާތްތެރިވާ 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށާއި އެ ނިސްބަތުން ބަލާނަމަ، ޤައުމީ އިޤްތިޞާދުގެ މައިބަދައަކީ މި ބާވަތުގެ ވިޔަފާރިތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އަމާޒުތަކާއެކު މަސައްކަތް ފެށި އެސްޑީއެފްސީން ރާއްޖޭގެ އިޤްތިސާދުގެ އެކި ސިނާޢަތްތަކަށް ހާއްސަކޮށް ފައިނޭންޝަލް ޕްރޮޑަކްޓްތައް ވަނީ ތައާރަފުކޮށްފައެވެ. އެސްޑީއެފްސީން ފައިނޭންސިންގ ފޯރުކޮށްދޭ ފަސް ސިނާއަތަކީ ދަނޑުވެރިކަމާއި މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކޮމިއުނިކޭޝަން އާއި ޓެކްނޮލީގެ އިތުރުން މެނުފެކްޗަރިންއެވެ. މި ސިނާއަތްތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަށައި ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ބޭންކުން ކޮލަޓޮރަލް އަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.. ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ދިނުމުގެ ގޮތުން ޒުވާނުންނާއި އަންހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް އެސްޑީއެފްސީން ބަހައްޓާއިރު، ބޭންކުގެ މަސައްކަތްތައް ފަރުމާކޮށްފައި ވަނީ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތުތައްދީ ތަރައްގީކުރުމަށް އެހީތެރިވެވޭނެ ގޮތަށެވެ. ބޭންކުގެ ޕޯޓްފޯލިއޯގެ 25 އިންސައްތަ ލޯނު ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. އަދި މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ.
އެސްޑީއެފްސީން ފޯރުކޮށްދޭ 6 ފައިނޭންސިންގއަށް ބަލާއިރު، ރަށު ފަތުރު ލޯނަކީ އަތޮޅުތެރޭގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ފަށައި ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ދޫކުރާ ލޯނެކެވެ. ދަނޑުވެރި ނަފާ ލޯނަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެސްޑީއެފްސީ ގުޅިގެން ދަނޑުވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކާއި މިހާރު ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ދޫކުރާ ލޯނުތަކެކެވެ. އެސްޑީއެފްސީން ދޫކުރާ ވިޔަފާރި އެހީ ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރުން މިހާރަށް ހަމަޖައްސަން ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ލޯނެކެވެ. އަދި ހަރުމުދާ ލޯނަކީ ވިޔަފާރި ފެށުމަށް ބޭނުންވާ ކެޕިޓަލް ހޯދުމަށް އެހީތެރިވުމަށް ދޫކުރާ ލޯނެކެވެ. މި ލޯނު ދޫކުރުމުގައި މަސްވެރިކަމާއި އިމާރާތްކުރުމާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތައް ހުޅުވައި ތަރައްގީކުރުމުގެ ވިސްނުން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އެސްއެމްއީ ބޭންކުގެ ވިޔަފާރި ތަރައްގީ ލޯނަކީ މިހާރު ހިންގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ލޯނެކެވެ. މި ލޯނަކީ ވިޔަފާރިތައް ތަރައްގީކޮށް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ދޫކުރެވޭ ލޯނެކެވެ. އޭގެ އިތުރުން ވިޔަފާރިއެއް އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ފަށާ ވިޔަފާރި ލޯނު އެސްޑީއެފްސީން އަންނަނީ ދޫކުރަމުންނެވެ.
މިހާތަނަށް އައި އިރު އެސްޑީއެފްސީން 775 މީހަކަށް ލޯނު ދިނުމަށް އެޕްރޫވްކޮށްފައިވާއިރު 551 މީހަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން އެޕްރޫވްކޮށްފައިވާ 970.3 މިލިއަން ރުފިޔާގެ ތެރެއިން 538.6 މިލިއަން ރުފިޔާގެ ލޯނު މިހާރު މިވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން 22 ލޯނަކީ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނެވެ. އަދި ކޮމާސްގެ 226 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާއިރު، އިމާރާތްކުރުމުުގެ ދާއިރާއަށް 30 ލޯނު ދޫކޮށްފައިވާ އިރު، މަސްވެރިކަމަށް 79 ލޯނު ވަނީ ދޫކޮށްފައެވެ. އޭގެ އިތުރުން މެނުފެކްޗަރިންނާ ގުޅުން ހުރި ވިޔަފާރިތަކަށް 49 ލޯނު ދޫކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް 104 ލޯނު ވަނީ ދޫކޮށްފައެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކަށް 41 ލޯނު ވަނީ ދޫކޮށްފައެވެ. މި ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ލޯނު ދޫކޮށްފައި މިވަނީ ކޮމާސް އަށެވެ. އެއީ 170.5 މިލިއަން ރުފިޔާއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް 134.9 މިލިއަން ރުފިޔާ އަދި މަސްވެރިކަމުގެ ވިޔަފާރިތަކަށް 105.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިހާތަނަށް އައި އިރު ދަނޑުވެރިކަމަށް ދޫކޮށްފައި ވަނީ 9.9 މިލިއަން ރުފިޔާގެ ލޯނެވެ. އެސްޑީއެފްސީން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 432 ލޯނު ދޫކޮށްފައި ވަނީ ފިރިހެނުންނަށެވެ. އެއީ 434.7 މިލިއަން ރުފިޔާގެ ލޯނެވެ. އަދި އަންހެނުންނަށް ދޫކޮށްފައި ވަނީ 48 ލޯނެވެ. އެއީ 24.1 މިލިއަން ރުފިޔާގެ ލޯނެވެ. އޭގެ އިތުރުން ވަކިވަކި ކުދި 71 ކުންފުންޏަކަށް 79.8 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އެސްއެމްއީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 190 ލޯނަކީ ޒުވާނުންނަށް ދޫކޮށްފައިވާ ލޯނެވެ. އެއީ 155.5 މިލިއަން ރުފިޔާއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ވިޔަފާރިތަކަށް އެހީތެރިވުމުގެ މަސައްކަތް ވެސް އެސްޑީއެފްސީން ދަނީ ކުރަމުންނެވެ. ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު މޮރޮޓޯރިއަމެއް ތައާރަފުކޮށް، ހަ މަސް ދުވަހަށް އިއުލާނުކުރެވިގެން ދިޔަ މޮރޮޓޯރިއަމް ބޭންކުން ވަނީ އިތުރު ހަތަރު މަސް ދުވަހަށް އިތުރުކޮށް 2020 ވަނަ އަހަރު ނިމެންދެން ދިގުދަންމާލާދީފައެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ސަރުކާރުން އިއުލާނުކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން 2000ށް ވުރެ ގިނަ ވިޔަފާރި އާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް 370 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ހަ އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި 3 އަހަރު ދުވަހުން ދައްކާ ހަލާސްކުރާ ގޮތަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ދޫކުރި ލޯނުތަކެކެވެ. އޭގެ އިތުރުން މިހާރުވެސް އެސްޑީއެފްސީން ވަނީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އިކޮނޮމިކް ސަސްޓެއިނަބްލް ޕެކޭޖެއް ތައާރަފުކޮށްފައެވެ. ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މި ޕެކޭޖުގެ ފައިނޭންސިންގ އަށް ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލާފައިވާއިރު، މި ޕެކޭޖުގައި ތިން ފައިނޭންސިންގ އެއް ހިމެނެއެވެ.
އެގޮތުން ސްޓިމިއުލަސް ޕެކޭޖު 1 ދޫކުރަނީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށެވެ. ސްޓިމިއުލަސް ޕެކޭޖު 2ން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދޭއިރު، ސްޓިމިއުލަސް ޕެކޭޖު 3ން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ލިބިގެންދާނެއެވެ. މި ސްކީމަކީ ރިލީފް ލޯނަކަށްވުރެ ބޮޑަށް އެސް.ޑީ.އެފް.ސީ ގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން، ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ލޯނުތަކަށް އެދޭ ފަރާތްތަކާ މަޝްވަރާކުރެވިގެން، އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަށް، އެއަށް ބޭނުންވާނެ ފައިސާ އާއި އެހެނިހެން ފަންނީ އެހީތެރިކަން ދީގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްކީމަކަށް ވާއިރު، ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު ޕެކޭޖްގެ ދަށުން ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ. މި ލޯނަށް އެދި ހުށަހެޅުމަށް ރަހުނެއް ބޭނުންނުވާއިރު، ވިޔަފާރި ފުޅާ ކުރުމަށް ނަގާ ލޯނެއްގައި މެނުވީ އިކުއިޓީއެއް ބޭނުމެއް ނުވާނެއެވެ. އަދި ލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. އޭގެ އިތުރުން މި ޕެކޭޖުގެ ދަށުން އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 6 އިންސައްތަ ނަގާނެއެވެ. ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ.
މި އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭއިރު، އެކަމަށްޓަކައި މި އަހަރުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.