ކ. މާލެ
|
19 ޖުލައި 2021 | ހޯމަ 12:06
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ރާއްޖެއެމްވީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު
ހަނިމާދޫ އެއަރޕޯޓުގެ ހިންގުމާއި މިލްކުވެރިކަން ވެސް އޮންނާނީ ދިވެހި ސަރުކާރަށް، ބޭރުބަޔަކު ނުތިބޭނެ - ރައީސް
 
އާންމު ފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށްފައި
 
ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް ސަރުކާރުން ނުކުރާނެ
 
އެއަރޕޯޓާއެކު ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް މަންފާލިބިގެންދާނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުމާއި މިލްކުވެރިކަން ވެސް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ ބިމާބެހޭގޮތުން، ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

އެމަނިކުފާނު ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އަދި މި އެއަރޕޯޓާ ގުޅިގެން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަން ވެސް އޮންނާނީ ސަރުކާރަށް ކަމަށެވެ. އެތަނުގައި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުން ވެސް އެފަދަކަމެއް ކުރައްވާނެކަމަށް ޤަބޫލުފުޅުނުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ވެސް އެއަރޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމުފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށް މި ކަމުގައި ރައްޔިތުންނާ މަޝްވަރާކޮށް މައުލޫމާތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމް.އެން.ޑީ.އެފްއަށް ބިން ޚާއްޞަކުރަން ހުށަހަޅާފައިވާ ސަރަޙައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ޚާއްޞަކުރާ ބިމާމެދުކަން މި ބައްދަލުވުމުގައި ވަހަކަދެއްކި ޢާންމު ފަރާތްތަކުން ފާހަގަކުރިއެވެ. އަދި އެފަރާތްތަކުން ވަނީ އެ ބިންތަކަށް ބަދަލުގެންނަން ބޭނުންވާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ޙިއްޞާކޮށް މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކުން ހުށަހެޅިގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ޚާއްޞަކޮށް އެމްއެންޑީއެފްއަށް ޚާއްޞަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ޚާއްޞަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އާންމު ފަރާތްތަކުން ވަނީ ހަނިމާދޫއާ ބޮޑުތިލަދުންމަތީގެ އެހެން ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް