ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 22:52
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ
މަޖިލިސް
ރައީސް ނަޝީދާ ދެކޮޅަށް ޢަދާލަތުން ނެރުނު ބަޔާން
ނަޝީދު އުޅުއްވަނީ މިނިވަންކަމާއި ހަމަހަމަކަމުގެ ނިވަލުގައި އަމިއްލަ ސިޔާސީ މަންފާ ހޯއްދަވަން: އަދާލަތު
 
ދިވެހިންނަކީ އިންސާފާއި ހަމަހަމަކަމާއި އަމަންއަމާންކަމަށް ލޯބިކުރާ ބައެއް
 
ކޯލިޝަންގެ ތެރޭގައި ހިމެނޭ އެމްޑީޕީ ނޫން ހުރިހާ ޕާޓީއެއް ނަފްރަތުގެ ބިލާ ދެކޮޅު
 
އެޕާޓީގެ ފުރިހަމަ ތާއީދު އޮތީ ރައީސް ސޯލިހާއެކު ކަން ވެސް ޕާޓީގެ ބަޔާނުގައިވޭ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ މިނިވަންކަމާއި ހަމަހަމަކަމުގެ ނިވަލުގައި އަމިއްލަ ސިޔާސީ ބޭނުންތަކެއް ފުއްދަވައި މަންފާ ހޯއްދެވުމަށްކަމަށް، ޢަދާލަތު ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، ރައީސް ނަޝީދު މިއަދު ނެރުއްވާފައިވާ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއްކަމަށް ދުނިއެއަށް ސިފަވާ ގޮތަށް ދައްކަވާ ވާހަކަވެސް ކުށްވެރިކޮށްފައިވެއެވެ.

އެ ބަޔާނުގައި ވަނީ، ދިވެހިންނަކީ އިންސާފާއި ހަމަހަމަކަމާއި އަމަންއަމާން ކަމަށް ލޯބިކުރާ ބައެއް ކަމަށާއި، އިސްލާމް ދީނުގެ ރީތި އުސޫލުތަކުގައި ހިފާ ބައެއް ކަމަށާއި، މިގޮތުގައި މި ގައުމު އޮންނަތާ 800ށް ވުރެ ގިނަ އަހަރު ވެފައިވާ ކަމަށެވެ. އަދު ދެން ވެސް ރާއްޖެ އޮންނާނީ އެ އުސޫލުގެ މަތީގައި ކަމަށެވެ. އަދި އެ ޕާޓީގެ މަގްސަދަކީ ވެސް އެ އުސޫލުތައް ދެމެހެއްޓުން ކަމަށެވެ.

އެޕާޓީން އިތުރަށް ބުނެފައި ވަނީ، ދިވެހިންނަކީ ކޮރަޕްޝަނަށް ވެސް ނޫނެކޭ ބުނެފައިވާ ބައެއް ކަމަށާއި، ކޯލިޝަން ސަރުކާރު އައީވެސް ދިވެހިންގެ އެ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އެމްޑީޕީ އާއި ޖޭޕީ އަދި އެމްއާރުއެމްއާއެކު ކޯލިޝަން ހަދައިގެން ނުކުތީ އެއިރުގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން، ގައުމު ހަމަ މަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިކުމެވަޑައިގަތީ ކޯލިޝަންގެ ޓިކެޓުގައިކަން ފާހަގަކޮށް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމަކީ އޭގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ.

އަދި ނަފުރަތުގެ ބިލުގެ ވާހަކަ ދައްކަމުންދާއިރު، ކޯލިޝަންގެ ތެރޭގައި ހިމެނޭ އެމްޑީޕީ ނޫން ހުރިހާ ޕާޓީއެއް އެއާ ދެކޮޅު ކަމަށެވެ. އަދި ގިނަ ދީނީ އިލްމުވެރިންނާއި އާންމުން ވެސް ބިލާދެކޮޅުކަން ހާމަކަންބޮޑު ގޮތެއްގައި ފެންނަން އޮތްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 120 ކައުންސިލަކާއި 100ށް ވުރެ ގިނަ ޖަމިއްޔާއިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި ބިލާ މެދު ހުރި ކަންބޮޑުވުންތައް އެ ޕާޓީންވެސް ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ބިލުގައި  ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ، "ނަފްރަތު ގެ އަމަލުތައް ހުއްޓުވުމުގެ ގައިޑްލައިން"އާ ފުށުއަރާކަން ފާހަގަކޮށްފައިވާނެކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. އޭގެ އިތުރަށް ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނާ ފުށުއަރާ އެތައް ކަމެއް އެ ބިލުގައި އެބަހުރިކަމަށް ވެސް ބުނެފައިވެއެވެ. މި ކަންބޮޑުވުންތައް ކޯލިޝަންއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ޢަދާލަތުން ބުނެފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މައިދާން ބައިބައިވަމުންދާ މި ދަނޑިވަޅުގައި އެޕާޓީގެ ފުރިހަމަ ތާއީދު އޮތީ ރައީސް ޞާލިޙާއެކު ކަން ވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
75%
0%
0%
0%
25%
0%
ކޮމެންޓް