ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދިދަ އުފުލާލުމުގެ ޝަރަފު ރާއްޖޭގެ އެއް ނަމްބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް ދީފިއެވެ.
މިއީ ބައިނަލްއަގްވާމީ ބޮޑު އިވެންޓެއްގައި ދީމާ ރާއްޖޭގެ ދިދަ އުފުލާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ދިދަ އުފުލީވެސް ދީމާއެވެ. މިއީ ކުޅިވަރު އިވެންޓެއް ނޫން ކަމުގައި ވިޔަސް ދީމާއަށް މި ފުރުސަތު ލިބުނީ ކުޅިވަރުގައި އޭނާ ހޯދަމުން އަންނަ ކާމިޔާބީތަކުގެ ސަބަބުންނެވެ.
މި ޝަރަފު ދީމާއަށް ލިބުނީ އިކޮނޮމިކް މިނިސްޓްރީން އިންޓަވިއު ކުރި ފަސް އަންހެން އެތުލީޓުގެ ތެރެއިން އިންޓަވިއު ޕެނަލްއަށް އެންމެ ކަމުދިޔަ އެތުލީޓުގެ ގޮތުގައި ދީމާ ވުމުންނެވެ. އިކޮނޮމިކް މިނިސްޓްރީން އިންޓަވިއު ކުރީ ކުޅިވަރާއި ބެހޭ ވުޒާރާއިން ފޮނުވި ލިސްޓުގައި ހިމެނޭ ފަސް އެތުލީޓުންނާއެވެ.
ދާދި ފަހުން ނެރުނު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށް ވަނަ އަށް ވެސް ޖެހިލި އުމުރުން 13 އަހަރުގެ ދީމާ އަކީ ޒުވާން އުމުރުގައި ރާއްޖޭގައި އެންމެ ކާމިޔާބު އެތުލީޓެވެ. އޮލިމްޕިކްސްގައި ވާދަކުރާނެ ކުޅުންތެރިން އުފައްދަން އައިޓީޓީއެފް އިން ކުރިއަށްގެންދާ ޕްރޮގާމުގައި ދީމާ ހިމެނެއެވެ. މިއީ ރާއްޖޭގެ ޓީޓީގެ ކުރިމަގުން އުޖާލާކަމުގެ ހެއްކެކެވެ. ދީމާ އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ރަނގަޅަށް ހިފައި ތާރީޚީ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ.
ގައުމީ ފެންވަރުގައި ޓީޓީ ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ދީމާ ވަނީ ތިން ރަން މެޑަލް ހާސިލްކޮށްފައެވެ. އެއާއިއެކު ދީމާ ވެގެން ގޮސްފައިވަނީ އައިއޯއައިޖީގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓަށެވެ.
ވޯލްޑް އެކްސްޕގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ދީމާއަށް ލިބުމާއިއެކު ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ދީމާއަށް މަރުހަބާ ކިޔައިފައެވެ. މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އެކްސްޕޯގައި ދީމާއަށް ރާއްޖޭގެ ދިދަ އުފުލާލަން ލިބުމަކީ ބޮޑު އުފަލެއް ކަމުގައެވެ. އަދި ދީމާގެ ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދީމާގެ މައިންބަފައިން ކަމަށާއި، ދީމާގެ މައިންބަފައިންނަކީ މިސާލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ދުބާއީގައި ބާއްވަން ތާވަލުކުރި ވޯލްޑް އެކްސްޕޯ މިހާރު ކުރިއަށް ގެންދާނީ އޮކްޓޫބަރު އެކަކުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. ގާތްގަނޑަކަށް ހައެއްކަ މަހަށް ދިގުދެމިގެންދާ މި އެކްސްޕޯ އަށް 25 މިލިއަން މީހުން ޒިޔާރާތް ކުރާނެ ކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.